ކުޅި ފަރުމަހު ބޯ

މީގެން ކެވޭނީ: 3-5 މީހުނަށް / ތައްޔާރުކޮށްލަން ނަގާނެވަގުތު: 1/2 1 ގަޑިއިރު

މި ރެސިޕީގަ އަޅުގަނޑު މިލިޔެލަނީ ކުޅިކޮށް ފަރުމަހުބޯ ތައްޔާރުކޮށްލެވިދާނެ ގޮތެވެ. މާރުކޭޓުގަ ފަރުމަހު ބޯ ވަކިން ވިއްކަން ހުރެއެވެ. މިހެންވީމަ ހުސް ފަރުމަހު ބޯހޯދުމަކީ އެއްވެސް އުނދަގޫކަމެއްނޫނެވެ. އަޅުގަނޑު ދެދޭތެރެއިން ފަރުމަހުބޯގަނެގެން މެންދުރު ބަތްކާން މިގޮތަށް ތައްޔާރުކުރަމެވެ. ހުކުރުދުވަހުގެ މެންދުރު ކެއުމަށް ތައްޔާރުކޮށްލަން ވަރަށްކަމުދާނެއެވެ..

ބޭނުންވާނެ ތަކެތި

5 ފަރުމަހު ބޯ (ބޮޑެތި މަހު ބޯ)
7 މޭޒުމަތިސަމްސާ ފުނޑި ލޮނުމިރުސް
3 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް
2 ސައިސަމްސާ ލޮނު
1 ލުނބޮލިގެ ހުތް
1/3 ޖޯޑު ސަންފްލާވަރ ނޫނީ ވެޖްޓަބްލް ތެޔޮ
1/3 ޖޯޑު ބޯކިރު

ތައްޔާރުކުރާނެގޮތް

1-މަހުގެ ބޯތަށް ދޮވެ ސާފްކޮށް ފެން ހިއްކާލާ.
2-ބޯތަށްޓަކަށް ލޮނުމިރުސް، ޓޮމާޓޯޕޭސްޓް، ލޮނު އަދި ލުނބޯހުތް އަޅާ އެއްކޮށްލައްވާ. މި އެއްކޮށްލި މިރުސް ރަނގަޅަށް ބޯތަކުގެ އެތެރޭގަޔާ ބޭރުގަ އުނގުޅާލައްވާ.
3-އުނގުޅުމަށްފަހު 30 މިނެޓް މެރިނޭޓްކޮށްލުމަށް މަތިޖަހާލާފަ ބަހައްޓަވާ.
4-ހުރިހާ ބޯތަކެއް ލެވޭވަރުގެ ތެއްޔަކަށް ތެޔޮ އަލާ ލުމަށްފހު ބޯތަށް ތެލިތެރޭ އަތުރާލައްވާ. ތެލީގެ މަތިޖައްސަވައިގެން ވަރަށް މަޑުގިނީގަ ކައްކަންފަށާ.
5-ބޯތަށް ކައްކާތާ 20 މިނެޓް ވުމުން ތެލީމަތިނެގުމަށްފަހު ބޯތަށް އަޑިއަށްވާ ބައި މައްޗަށް ވާގޮތަށް ފުށުންޖައްސަވާ. އަނެއްކާވެސް މަތިޖަހައިގެން ވަރަށް މަޑުގިނީގަ ކައްކަންފަށާ. 30 މިނެޓް ވުމުން ތެލީމަތި ނަގާފަ ބޮޑު ސަމްސަލެއް ބޭނުންކޮށްގެން ތެލީތެރޭ އުފެދިފަ ހުރި ރިހަ ސަމްސަލުން ނަގާ ބޯތަކުގެ މަށްޗަށް އަޅަމުން ކައްކާ. މި އުފެދިފަ ހުރި ދިޔަ އަކީ މަޑުގިނީގަ ކެއްކުމުން ބޮލުން ނިކުމެފަހުރި ދިޔައެވެ. 10 މިނެޓް ކެއްކުމަށްފަހު އުނދުންނިއްވާލާ.
6-ބޯކިރު އަޅާކަމަށްވަންޏާ މަތީގަ ބަޔާނކޮށްފައިވާ 30 މިނެޓް ވުމުން ތެލީމަތިނަގާވަގުތު ކިރު އަޅާ އެއްކޮށްލައްވާ، ދެން މަތީގައިބަޔާނކޮށްފައި ވާ ގޮތަށް ހައްދަވާ.

ނޯޓް:

1-ފަރުމަހު ބޯ ހަދާއިރު ބޯކިރު އަޅުއްވާނީ ބޭނުންފުޅިއްޔާ. އަޅުގަނޑަށް މީރީ ކިރު ނޭޅީމަ ނަމަވެސް އަޅުގަނޑު މަންމަޔަށް މީރީ ކިރުއެޅީމަ. އެބައި އެބޭފުޅަކު ބޭނުންގޮތަށް އެޖަސްޓްކޮށްލީމަ ރަނގަޅުވާނެ.
2-ލޮނުމިރުސް ވެސް ކުޅިކޮށް ކޭންބައްލަވާ ބޭފުޅުން މިރެސިޕީގައިވާ ލޮނުމިރުސް ޑަބަލްކޮށްލެއްވީމަ ރަނގަޅޫވާނެ.