ސާވިން ސައިޒް:4-5 / ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި
ކުކުޅުކޮޅު ހަދާލުމަށް
300 ގުރާމް ބޯންލަސް ކުކުޅު، ކުދިކޮށް ތުނިކޮށް ކޮށާފަ
1 ސައިސަމްސާ އަސޭމިރުސް
1/2 ސައިސަމްސާ ރީނދޫ
1 ސައިސަމްސާ ތެޅިމިރުސް
1 މޭޒުމަތިސަމްސާ ފުށް
1/2 ސައިސަމްސާ ލޮނު
ކުކުޅު ތެއްލޭވަރަށް ތެޔޮ
ފަރައިޑް ރައިސް ހަދާލުމަށް
5 ލޮނުމެދު، ކުދިކޮށް ކޮށާފަ
3 ބިސް
1 މެދު ސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
ރަހަލާވަރަށް ގިތެޔޮމިރުސް
1/2 ޖޯޑު ކެރެޓް، ދިގަށް ތުނިކޮށް ކޮށާފަ
1/2 ޖޯޑު ފެހި ބެލްޕެޕާރ، ތުނިކޮށް، ދިގަށް ކޮށާފަ
5 މޭޒުމަތިސަމްސާ ޓޮމާޓޯ ސޯސް
4 މޭޒުމަތިސަމްސާ ޗިލީ ގާލިކް ސޯސް
3 މޭޒުމަތިސަމްސާ ލައިޓް ސޯޔާ ސޯސް
1 ކިއުބް މެގީ، ނޫނީ ސްޓޮކް ޕައުޑަރ
1 ސައިސަމްސާ ލޮނު
4 ޖޯޑު ކައްކާ ހިހޫންކޮށްފަ ހުރި ބަތް
ތެއްލާލި ކުކުޅުކޮޅު
ތައްޔާރުކުރާނެގޮތް
1-ކުކުޅު ކޮޅު ހަދާލުމަށް ކުކުޅު ދަށުގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ބާކީ ތަކެތި ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާ. މެރިނޭޓްކޮށްލަން ފަނަރަ މިނެޓް ބަހައްޓަވާ.
2-ތެޔޮ ތެއްޔަކަށް އަޅާ ހޫނުކޮށްލައްވާ، މެރިނޭޓްކުރި ކުކުޅު ކޮޅު އަޅާ ކުކުޅުކޮޅު އެއްކޮށް ރަތްވެލަންދެން ތެއްލާލައްވާ. ކުކުޅުކޮޅު ރަތްވީމަ ތައްޓަކަށް ނަގާފަ ބަހައްޓަވާ.
3-ކުކުޅު ތެއްލާލި ތެޔޮކޮޅުން ތިން ސަމްސާހާ ތެޔޮ ތެލީގަ ބަހައްޓާފަ ބާކީ ތެޔޮކޮޅު އެހެން ތައްޓަކަށް ނަންގަވާފަ ބަހައްޓަވާ.
4-ތެޔޮކޮޅު ހުރި ތެލި އުނދުންމައްޗަށް އުދާ ހޫނުކޮށްލައްވާ، މީގެ ތެރެއަށް ލޮނުމެދު އަޅާ ތެއްލަން ފަށާ.
5-ލޮނުމެދުކޮޅު ކުޑަކޮށް ރަތްވާން ފެށުމުން ބިސްއަޅާ އެއްކޮށްލައްވާ. ބިސްކޮޅު މައްޗަށް ދެ އިނގިލިކުރިން ލޮނުކޮޅެއް ނަގާ ބުރުވާލައްވާ، ބިސްކޮޅު ސްކްރެންބުލް ވަންދެން ކައްކާލައްވާ. ބިސްކޮޅު ތެލީގެ އެއްފަރާތައް ޖައްސާފަ ބަހައްޓަވާ،
6-ނަގާފަ ހުރި ތެޔޮކޮޅުން ދެސަމްސާ ތެޔޮ ތެލީގެ ބިސްހުރި ފަރާތްނޫން އަނެއްފަރާތަށް އަޅާލައްވާ، ދެން ފިޔާ އަދި ގިތެޔޮމިރުސް އަޅާ ފިޔާ މޯޅިވެލަންދެން ކައްކާލައްވާ، މީގެ ތެރެއަށް ކެރެޓް އަދި ބެލްޕެޕާ އަޅާ އެއްކޮށްފަ ތަރުކާރީކޮޅު މަޑުވެލަންދެން ކައްކާލައްވާ.
7-ތަރުކާރީކޮޅު މަޑުވީމަ ބިސްކޮޅާއެއްކޮށްލައްވާ، މީގެ ތެރެއަށް ޓޮމާޓޯ ސޯސް، ޗިލީގާލިކްސޯސް، ސޯޔާ ސޯސް، މެގީކިއުބް އަދި ލޮނު އަޅާ އެއްކޮށްފަ ބަތް އަދި ހަދާލި ކުކުޅުކޮޅު އަޅާ އެއްކޮށްފަ ދެމިނެޓެއް ވަރު ފްރައިކޮށްލައްވާ.
8-ބަތް ހޫނުކޮށްހުއްޓަ ޗިލީޕޭސްޓް އާއެކު ކޭންބައްލަވާ.
