ދޮންކެޔޮ ފޮޅި

މީގެން ހެދޭނީ: 15 ވަރަކަށް ފޮޅީ/ތައްޔާރުކޮށްލަން ނަގާނެވަގުތު: 15 މިނެޓް/ ފިއްސަވަންނަގާނެވަގުތު: 30 މިނެޓް

މީ ވަރަށްފަސޭހައިން ހަދާލެވޭ ވަރަށް މަޑު މީރު ދޮންކެޔޮ ފޮޅިއެކެވެ. މީގަ ބޭކިންޕައުޑާރގެ ބަދަލުގަ އިންސްޓަންޓް އީސްޓް ބޭނުންކޮށްލާތީ އަނގަޔަށް ވިރިގެން ދާހާ މަޑުކޮށް މިފޮޅީ ހުރެއެވެ. މި ފޮޅި އަޅުގަނޑާ އަޅުގަނޑުގެ ކުދިންނަށް ވަރަށް މީރެވެ. މި ރޯދަމަހުގެ ސުފުރާޔަށް ފޮނިއެއްޗެއް ގޮތުގަ ތައްޔާރުކޮށްލަން ވަރަށް ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި

6 ފާ ދޮންކެޔޮ ވައް
300 އެމް އެލް ދިޔާ ކިރު
300 އެމް އެލް ފެން
400 ގުރާމް ފުށް
50 ގުރާމް ހަކުރު
1 މޭޒުމަތީސަމްސާ އިންސްޓަންޓް އިސްޓް
1/4 ސައިސަމްސާ ލޮނު

ތައްޔާރުކުރާނެގޮތް

1-ދޮންކެޔޮ ނޮޅުމަށްފަހު ކޮށާލައްވާ. ދޮންކެޔޮ އަދި ދެން ބާކީހުރި ހުރިހާ ތަކެތި ބޯތަށްޓަކަށް އެޅުމަށްފަހު ހޭންޑް ބްލެންދަރ އަކުން އޮމާންވަންދެން ގިރާލައްވާ،
2- ގިރުނީމަ ތަށީގެ މަތި ބަންދުކޮށްފަ 1 ގަޑިއިރުވަންދެން ބާނދާ.
3-އެއްގަޑިއިރު ވުމުން ސަމްސަލުން އެއްކޮށްލައްވާ، ތަވައެއް އުނދުންމަތީބާނދާ ހޫނުކޮށްލައްވާ. ތަވާ ކުޑަކޮށް ހޫނުވުމުން ސަމްސަލެއްގެ ތެޔޮއަޅާ އުނގުޅާލައްވާ.
4-ދެން ބޮޑުސަމްސަލެއް ބޭނުންކޮށްގެން 2 ސަމްސަލުގެ ފުށް ތަވާމަށްޗަށް އަޅާ، ފޮޅިފިއްސަވާ، ފޮޅީގެ މަތީ ހިކުނީމަ ފުށުން ޖައްސަވާ. މިނެޓެއްވަރު ފިހެލާފަ ދޮންކެޔޮ ފޮޅި ނަންގަވާ. މިގޮތަށް ފުށްގަނޑު ހުސްވަންދެން ފޮޅި ހައްދަވާ.
5-މިފޮޅި ހުހާވެސް ވަރަށް މީރުވާނެ، އަދި ފޮޅި ތެރޭ ނަޓެއްލާ، ކްރަނމްޕީ، ޖޭމް އަދި ޕީނަޓްބަޓަރ އުނގުޅައިގެންވެސް ވަރަށް މީރުވާނެ.