މީގެ މަސްފަށްޗަކުން ކެވޭނީ: 3 ބޭފުޅުންނަށް / ތައްޔާރުކޮށްލަން : 45 މިނެޓް / ފިހެލަން 45 މިނެޓް
ގަދީމީ ޒަމާނުންސުރެއް ދިވެހިން މަސް ފަތި ނޫނީ މަސް އަދި ކުކުޅުވެސް ފިހެއުޅެނީ ލޮނުމިރުސް ހާކައިގެންނެވެ. މީ އަޅުގަނޑުމެންގެ ސަގާފަތާ ކެއުމުގައި ހަރުލާފައިވާ ރަހައެކެ. އަދި ކޮންމެ ދިވެއްސަކަށްވެސް ވަރަށް މީރު ރަހައެކެވެ.
ރޯދަމަހު ވަރަށް ގިނަގޭގޭގައި ކޮންމެވެސްކަހަލަ މަހެއް ފިހެނުލާ ނޫނީ ގްރިލް ކޮށް ނުލާ ގެއެއް ހުންނާނެހެނެއް ހިއެއް ނުވެއެވެ. ފިހުނު މަސްކޮޅެއް ނެތިއްޔާ ހާރުކާނވެސް ބައެއްބޭފުޅުންނަށް އުނދަގުލެވެ. ވީމާ އަޅުގަނޑު މި ރޯދަމަހުގެ ފުރަތަމަ ރެސިޕީއަކަށް މި ތައްޔާރުކޮށްލީ ދިވެހި ރަހަޔަށް ހަދާލެވިދާނެ ތިން ވައްތަރުގެ ކުކުޅު މަސްފަތްޗެވެ. މި ތިންވައްތަރުގެ ކުކުޅު މަސްފަށްޗަކީ ތިހުރިހާ ބޭފުޅުންނަށްވެސް ވަރަށް ކަމުދާނޭ މަހަކަށް ވާނެކަމަށް އުނމީދުކުރަމެވެ. އަޅުގަނޑު މިރެސިޕީގަ ކުކުޅު ބޭނުންކޮށްފަ ހުއްޓަސް ކޮންމެ ކަހަލަ މަހެއްގަ މި ހަވާދުތަށް ލައިގެން ފިހުނަސް މީރުވާނެއެވެ. މީގެން ފަހަރަކު ވައްތަރެއް ރޯދަމަހުގެ އެކި ދުވަހައް ބަހާލައިގެން ތައްޔާރުކޮށްލަން ވަރަށް ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި
ކަނޑުކުކުޅު މަސްފަތި
300 ގުރާމް ބޯންލަސްކުކުޅު، ތުނިކޮށް ކޮށާފަ
4 މޭޒުމަތިސަމްސާ ތެޔޮ ހަވާދު
1 ކުޑަފިޔާ، ކޮށާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ހިކަނދިފަތް
2 އިންޗި ރާނބާފަތް
ގިތެޔޮމިރުސް (ރަހަލާވަރަށް)
2 ކާފޫރު ތޮޅި
1 އިންޗި ފޮނިތޮށި
4 މޭޒުމަތިސަމްސަ ހުނި
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1/2 ސައިސަމްސާ ލޮނު
2 މޭޒުމަތިސަމްސަ ތެޔޮ
ޕޭސްޓް ހެދޭވަރަށް ފެން
މުސަންމާ މަސްފަތި
300 ގުރާމް ބޯންލަސް ކުކުޅު، ތުނިކޮށް ކޮށާފަ
4 މޭޒުމަތިސަމްސާ ހަނާކުރިހަވާދު ޕައުޑަރ
2 މޭޒުމަތީސަމްސާ ކުކުޅު ހަވާދު ޕައުޑަރ
1 މޭޒުމަތީސަމްސާ ލޮނުމިރުސް ޕައުޑަރ
1 ސައިސަމްސާ ކޮތަންބިރި ޕައުޑަރ
1 ސައިސަމްސާ އިނގުރު ލޮނުމެދުޕޭސްޓް
1 ކުޑަ ފިޔާ، ކޮށާފަ
1 ހިކަނދިފަތް
2 އިންޗި ރާނބާފަތްކޮޅު
2 ކާފޫރުތޮޅި
1 އިންޗި ފޮނިތޮށި
2 މޭޒުމަތިސަމްސާ ހިކި މޭބިސްކަދުރު
4 މޭޒުމަތީސަމްސާ ކަނަމަދު
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1/2 ސައިސަމްސަ ލޮނު
2 މޭޒުމަތީސަމްސާ ގިތެޔޮ
ހަނާކުރި މަސްފަތި
300 ގުރާމް ބޯންލަސް ކުކުޅު، ތުނިކޮށް ކޮށާފަ
4 މޭޒުމަތީސަމްސާ ކޮތަންބިރި ޕައުޑަރ
2 މޭޒުމަތީސަމްސާ ދަވިއްގަނދު ޕައުޑަރ
2 މޭޒުމަތީސަމްސާ ދިރި ޕައުޑަރ
2 ސައިސަމްސާ މުގުރި މިރުސް
1/2 ސައިސަމްސާ އަސޭމިރުސް ޕައުޑަރ
1/2 ސައިސަމްސާ ރީނދޫ
2 ކާފޫރު ތޮޅި
1 އިންޗި ފޮނިތިށި
1 ހިކަނދިފަތް
2 އިންޗި ރާނބާފަތް ކޮޅެއް
1 ކުޑަފިޔާ، ކޮށާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1/2 ސައިސަމްސާ ލޮނު
4 މޭޒުމަތީސަމްސާ ހުނި
ހަވާދުކޮޅު ފުނޑޭވަރަށް ފެން
2 މޭޒުމަތިސަމްސާ ތެޔޮ
ތަށްޔާރުކުރާނެގޮތް
1-ކަނޑުކުކުޅު މަސްފަތީގެ ދަށުގައިވާ ތަކެތީގެ ތެރެއިން ކުކުޅު، ލޮނު، ތެޔޮ އަދި ސްޓޮކްޕައުޑަރ ނޫން ބާކީ ހުރި ތަކެތި ހަވާދުފުނޑާ މިކްޗާ އަށް އަޅާ ހިމުންކޮށް ފުނޑާލައްވާ. ފުނޑި ހަވާދުކޮޅު ކުކުޅުކޮޅު ތެރެއަށް އަޅާލައްވާ، ދެން ލޮނު، ސްޓޮކްޕައުޑަރ އަދި ތެޔޮ އަޅާ މަސްގަނޑު މޮޑެލައްވާ، މަސްކޮޅުހުރި ތަށީގެ މަތިޖަހާފަ އެއް ގަޑިއިރު މެރިނޭޓްކޮށްލަން ބާނދާ.
2- މުސަންމާ މަސްފަތީގެ ދަށުގައިވާ ތަކެތީގެ ތެރެއިން ކުކުޅު، ލޮނު، ގިތެޔޮ އަދި ސްޓޮކްޕައުޑަރ ނޫން ބާކީ ހުރި ތަކެތި ހަވާދުފުނޑާ މިކްޗާ އަށް އަޅާ ހިމުންކޮށް ފުނޑާލައްވާ. ފުނޑި ހަވާދުކޮޅު ކުކުޅުކޮޅު ތެރެއަށް އަޅާލައްވާ، ދެން ލޮނު، ސްޓޮކްޕައުޑަރ އަދި ގިތެޔޮ އަޅާ މަސްގަނޑު މޮޑެލައްވާ، މަސްކޮޅުހުރި ތަށީގެ މަތިޖަހާފަ އެއް ގަޑިއިރު މެރިނޭޓްކޮށްލަން ބާނދާ.
3- ހަނާކުރި މަސްފަތީގެ ދަށުގައިވާ ތަކެތީގެ ތެރެއިން ކުކުޅު، ލޮނު އަދި ސްޓޮކްޕައުޑަރ ނޫން ބާކީ ހުރި ތަކެތި ހަވާދުފުނޑާ މިކްޗާ އަށް އަޅާ ހިމުންކޮށް ފުނޑާލައްވާ. ފުނޑި ހަވާދުކޮޅު ކުކުޅުކޮޅު ތެރެއަށް އަޅާލައްވާ، ދެން ލޮނު، ސްޓޮކްޕައުޑަރ އަދި ތެޔޮ އަޅާ މަސްގަނޑު މޮޑެލައްވާ، މަސްކޮޅުހުރި ތަށީގެ މަތިޖަހާފަ އެއް ގަޑިއިރު މެރިނޭތްކޮށްލަން ބާނދާ.
4-މަސްފަތި ހަދާ އިލޮށި ނޫނީ ސްކީވާރސް އަށް 3 ވައްތަރުގެ މަސް އަމުނާލައްވާ. ދެން މަސްފަތި ރޯފިލާ ރަތްވެލަންދެން ގްރިލްކޮށްލާ ނޫނީ ފިއްސަވާ. އަވަންއިން ފިއްސަވަންޏާ އަވަން 200 ޑިގްރީސެލްސިއަސްގަ ފިއްސަވާ.
