ޒަމް ޒަމް ބިރިޔާނީ

ސާވިންސައިޒް: 6 / ކައްކާލަންނަގާނެ ވަގުތު: 3 ގަޑިއިރު

މިއަހަރުގެ އީދު ދުވަހަށް ހާއްސަ ބިރިޔާނީއެއް ގޮތުގަ އަޅުގަނޑު މި ތަށްޔާރުކޮށްލީ ޒަމް ޒަމް ބިރިޔާނީ ކިޔާ ބިރިޔާނީއެކެވެ. ޒަމް ޒަމް ބިރިޔާނީ މީ ދޭއް ނޫނީ ތިން ވައްތަރެއްގެ މަސް އަޅައިގެން ހަދާ ވަރަށް މީރު ބިރިޔާނީއެކެވެ. އެބޭފުޅަކު ބޭނުންފުޅިއްޔާ މި ބިރިޔާނީއަށް އެހެން ބިރިޔާނީ އެކޭ އެއްގޮތަށް ނަޓްސް، ހިކިމޭބިސްކަދުރު އަދި ފެނުކެއްކި ބިސް އެޅިދާނެއެވެ. މި ބިރިޔާނީ އައިއްސަ މިއިންނަނީ ދެކުނު އޭޝިއާ ބައްރުންނެވެ.

ބޭނުންވާނެ ތަކެތި

ކުކުޅު ކޮފްތޭ
500 ގުރާމް ބޯންލަސްކުކުޅު
1/2 މޭޒުމަތިސަމްސަ މުގުރި މިރުސް
1/2 މޭޒުމަތިސަމްސާ ކޮތަންބިރި ޕައުޑަރ
1/2 ސައިސަމްސާ ރީނދޫ
1/2 ސައިސަމްސާ މުގުރި ދިރި
1 މޭޒުމަތީސަމްސާ ޓިއްކާ މަސާލާ
1/2 1 ސައިސަމްސާ ސޮޓޮކްޕައުޑަރ
1/2 ސައިސަމްސާ ލޮނު
1 މޭޒުމަތީސަމްސާ އިނގުޔރު ލޮނުމެދު ޕޭސްޓް
1 ކުޑަފިޔާ
1/4 ގިތެޔޮމިރުސް
1/3 ޖޯޑު ކޮރިއެންޑަރ ފަތް
2 ފޮތި ޕާން، ކައިރި ނަގާފަ
ކޮފްތޭ ތެއްލޭވަރަށް ތެޔޮ
މަޓްން ބިރިޔާނީ ގްރޭވީ
900 ގުރާމް ކައްޓާ އެކު ހުރި މަޓްން
2 ބޮޑު ފިޔާ، ކޮށާފަ
5 ކާފޫރުތޮޅި
2 އިންޗީގެ 2 ފޮނިތޮށިކޮޅު
2 ބޭލީފް
2 މޭޒުމަތިސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1/2 ގިތެޔޮމިރުސް
3 މޭޒުމަތިސަމްސާ ހަނާކުރި ހަވާދު
2 މޭޒުމަތިސަމްސާ މުގުރި މިރުސް
4 މޭޒުމަތިސަމްސާ ބިރިޔާނީޕައުޑަރ
3 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް
2 ސައިސަމްސާ ސްޓޮކްޕައުޑަރ
1 ސައިސަމްސާ ލޮނު
3 ޖޯޑު ފެން
ބިރިޔާނީ ކެއްކުމަށް
500 ގުރާމް ފުށްދިގު ބާސްމަތީ ހަނޑޫ
4 އަލުވި ވެޖަސްއަށް ކޮށާފަ
5 ބިސް ފެނުކައްކާފަ، ކޮންމެ ބިހެއް 4 ފަޅިކޮށްފަ
1 ޖޯޑު ތެއްލާފަ ހުރި ފިޔާ
1/2 ޖޯޑު ކޮރިއެންޑަރ ފަތް
1/2 ޖޯޑު މިންޓްފަތް

ތައްޔާރުކުރާނެގޮތް

1-ކުކުޅު ކޮފްތޭ ހަދާލުމަށް ކޮފްތޭ ދަށުގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ބާކީ ހުރި ތަކެތި ފުޑްޕްރޮސެސާ އަކަށް އަޅާލައިގެން މުގުރާލައްވާ. މުގުރުމުން ޓީޓީ ބޯޅަސައިޒް ގެ ގުޅަހައްދަވާ.
2-ކުކުޅު ކޮފްތޭ ދަށުގައިވާ ތެޔޮ ތާހަކަށް އެޅުމަށްފަހު ހޫނުވުމުން ކުކުޅު ކޮފެތޭތަށް އަޅާ ރަތްވެލަންދެން ތެއްލާލައްވާ. ކޮފްތޭތަށް ތެއްލުމުން ތަށްޓަކަށް ނަގާފަ ބަހައްޓަވާ.
3-ބިރިޔާނީ ދަށުގަވާ އަލުވި ވެސް ތެޔޮގަނޑަށް އަޅާ މަޑުވަންދެން ތެއްލާލާފަ ބަހައްޓަވާ.
4-މަޓަންބިރިޔާނީ ގްރޭވީ ކައްކާލުމަށް ކޮފްތޭތެއްލި ތެލުން ތެޔޮ ކޮޅެއް ބިރިޔާނީ ކައްކާ ތެލިތެރެއަށް އަޅާ ހޫނުކޮށްލައްވާ.
5-ދެން ފިޔާ، ކާފޫރުތޮޅި ފޮނިތޮށި. ބޭލީފް، އިނގުރު ލޮނުމެދު ޕޭސްޓް، ގިތެޔޮމިރުސް އަޅާ ރަތްވެލަންދެން ކައްކާލާ، ފިޔާގަނޑު ރަތްވުމުން ހަނާކުރިހވާދު، މުގުރިމިރުސް، ބިރިޔާނީ މަސާލާ، ޓޮމާޓޯޕޭސްޓް، ސްޓޮކްޕައުޑަރ، ލޮނު، ފެން އަދި މަޓްން އަޅާ އެއްކޮށްލައްވާ.
6-ކޮރިއެންޑަރ އަދި މިންޓް ފަތުގެ ދެބައިކުޅައެއްބައި އަޅާ އެއްކޮށްފަ ތެލީ މަތިޖަހައިގެން ދޮޅުގަޑިއިރު ނޫނީ މަޓުން މަޑުވަންދެން ކައްކާލައްވާ.
7-މަޓުން މަޑުވުމުން ބާސްމަތީހަނޑޫ އަދި ތެއްލިފިޔާގެ ދެބައިކުޅަ އެއްބައި އަޅާ އެއްކޮށްފަ ހަނޑޫ %70 އަށް މަޑުވަންދެން ކައްކާލައްވާ.
8-ހަނޑޫ މަތީއިން ވަރަށް ކެކުނީމަ ތެލީ މަތިނަގާފަ ކުކުޅު ކޮފްތޭ ތަށް ބިރިޔާނީ މަތީ އަތުރާލައްވާ، ދެން އަލުވި ވެސް އަތުރާލައްވާ. ދެން ބާކީހުރި ކޮރިއެންޑަރ އަދި މިންޓް މަށްޗަށް ބުރުވާލައްވާ، ދެން ބާކީ ހުރި ތެއްލިފިޔާ ވެސް ބިރިޔާނީ މަށްޗަށް އަޅާފަ ތެލީ މަތިޖަހައިގެން ބަތް ރަނގަޅަށް ކެކެންދެން ކައްކާލައްވާ.
9-ކެކުމުން ހޫނުކޮށްހުއްޓަ ސާވްކޮށްލާ.