ކްރީމީ ޗިކަން ކްރިސްޕް ރޯލްސް

ސާވިން ސައިޒް: 4-5 . ތައްޔާރުކޮށްލަން ނަގާނެ ވަގުތު: 1 ގަޑިއިރު

ބޭނުންވާނެ ތަކެތި

މަސްކޮޅު ހަދާލުމަށް
30 ގްރާމް ބަޓަރ
1 ފިޔާ، ކޮށާފަ
1 ސައިސަމްސަ އިނގުރު ލޮނުމެދު ޕޭސްޓް
ރަހަލާވަރަށް ގިތެޔޮމިރުސް
2 މޭޒުމަތީސަމްސާ ފުށް
2 ޖޯޑު ފުލްކްރީމް މިލްކް
1 ކިއުބް މެގީ
1/2 ސައިސަމްސަ އަސެމިރުސް
1 ސައިސަމްސަ ރާޅުހިކި މިރުސް
2 ސައިސަމްސަ ހަނާކުރި ހަވާދު
1 ސައިސަމްސާ ޕެޕްރިކާޕައުޑަރ
2 ޖޯޑު ފެނުކައްކާ ޝްރެޑްކޮށްފަހުރި ކުކުޅު
ރޯލްސް ހަދާލުމަށް
ޓޯޓިލާ ވްރެޕްސް
1 ޖޯޑު މޮޒަރެއްލާ ޗީޒް ނޫނީ ސްލައިސް ޗީޒް
2 ޖޯޑު ކޯންފްލޭކްސް، ކުޑަކޮށް ޗިސްކޮށްލާފަ
3 ބިސް
ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

1-ތެއްޔަކަށް ބަޓަރ ފިޔާ، އިނގުރުލޮނުމެދު ޕޭސްޓް އަދި ރާޅުމިރުސް އަޅާ ފިޔާކޮޅު މޯލިވެލަންދެން ތެއްލާލާ، މިހެން ތެއްލާއިރު ބަޓަރ ގެ ކުލަ ބަދަލުވެގެން ނުވާނެއެވެ. ދެން ފުށް ކޮޅު އަޅާ ދެ ސިކުންތުވަރު ވަންދެން ފުށްކޮޅު ބަޓަރ ކޮޅު ތެރޭ ކައްކާލައްވާ.
2-ދެން ކިރުކޮޅު މަޑު މަޑުން އެއްކުރަމުން އަޅާލައްވާ. އުނދުނުގެ ހުޅު މަޑުކޮށްލައްވާފަ ކިރުކޮޅުތެރެއަށް ގިތެޔޮމިރުސް، އަސޭމިރުސް، ހަނާކުރި ހަވާދު، ޕެޕްރިކާޕައުޑަރ އަދި މަގީކިއުބް އަޅާ އެއްކޮށްފަ ސޯސް އޮލަވަންދެން ކައްކާލައްވާ. ލޮނުހެޔޮވަރުކޮށްފަ ކުކުޅު ކޮޅު އަޅާ އެއްކޮށްލައްވާ.
3-މަސްކޮޅު އެއްކޮށްނުހިކެނީސް ކުޑަކޮށް ކްރީމީކޮށްހުއްޓަ މަސްކޮޅު ތައްޓަކަށް ނަގާފަ ބަހައްޓަވާ.
4-ޗިކަން ކްރިސްޕް ރޯލްސް ހަދާލުމަށް ޓޯޓިލާ ވަރެޕްގެ އެއްއަރިމައްޗަށް މަސްކޮޅެއް ދިގަށް އަޅާލައްވާ. މަސްކޮޅު މަތީ މޮޒަރެއްލާ ޗީޒްކޮޅެއް ބާއްވާލާ. ދެން ޓޯޓިލާގެ މަސްކޮޅުއެޅި ކައިރި އަރިމަތި މަސްކޮޅު މައްޗަށް މަޅާލައްވާ. ދެން ޓޯޓިލާގެ ދެ އަރިމަތި އެތެރެއަށް މަޅާލައްވާފަ މަސްކޮޅު ފަޅިން ޓޯޓިލާ އޮޅާލައްވާ. މިގޮތަށް މަސްކޮޅު ހުސްވަންދެން ރޯލްސް ހައްދަވާ،
5-ބިސްކޮޅު ތެރެއަށް ލޮނުކޮޅު އަޅާ ގިރާލާފަ ބަހައްޓަވާ، ކޮންމެ ރޯކްސްއެއް ބިހައްލާފަ ނަގާ ކޯންފްލޭކްސް އަށް ލާފަ ޓްރޭއެއްގަ އަތުރާލައްވާ، ދެން ކޮންމެ ރޯލްއެއް މައްޗަށް ޗީޒްކޮޅެއް އަޅާ ފަތުރާލައްވާ.
6-އަވަން 180 ޑިގްރީސެލްސިއަސް އަށް ހޫނިކުރުމަށް ފަހު ރޯލްސް ޓްރޭ ލައިގެން ފިއްސަވާ، ފިހާނީ ޗީޒްކޮޅު މެލްޓްވެ ރަތްވެލަންދެން ގާތްގަނޑަކަށް ފަނަރަ މިނެޓް. ފިހެވުނީމަ އަވަން އިން ނަގާ ކޭންބައްލަވާ.