ހަދާލެވޭނީ 6-7 ބަނަސް / ތައްޔާރުކޮށްލަން ނަގާނެވަގުތު: 2 ގަޑިއިރު
ޗިކަން ޓިއްކާ މީ އަޅުގަޑުމެންގެ ދިވެހިންގެ ތެރޭ ވަރަށްމަގުބޫލު ކުކުޅެކެވެ. މި ރެސިޕީގަ ބަނަސްގެ ފިލިންނަކަށް އަޅުގަނޑު ބޭނުންކޮށްލީ ރޯކުކުޅުގެ ބަދަލުގަ ކައްކާ ވިނުވާލާފަ ހުރި ކުކުޅެވެ. ފިނުވި ކުކުޅަށް ޓިއްކާ ހަވާދުއަޅާ އުނދުންމަތީ ހަނާކޮށްލީމަ މަސްކޮޅުގަ ވަރަށްމީރުރަހައެއް ލާނެއެވެ. މި ބަނަސްމީ މި ރޯދަމަހު ހަދާލަން ވަރަށް ކަމުދާނެ ޕޭސްޓްރީއެކެވެ.

ބޭނުންވާނެ ތަކެތި
400 ގުރާމް ކުކުޅު ފެނުކައްކާ، ވިނުވާލާފަ
4 މޭޒުމަތިސަމްސާ ޕްލެއިން ޔޯގަޓް
3 މޭޒުމަތީސަމްސާ ޓިއްކާ މަސާލާ
1 ސައިސަމްސާ ތެޅިމިރުސް
2 ސައިސަމްސާ ކޮތަންބިރި ޕައުޑަރ
1 ސައިސަމްސާ ސްޓޮކްޕައުޑަރ
1 ސައިސަމްސާ ލޮނު
1 ކުޑަ ފިޔާ ޗޮޕްކޮށްފަ
1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1/2 ގިތެޔޮމިރުސް، ޗޮޕްކޮށްފަ
2 މޭޒުމަތީސަމްސާ ކޮރިއެންޑަރ ފަތް، ޗޮޕްކޮށްފަ
3 މޭޒުމަތިސަމްސަ ތެޔޮ
ސްލައިސް ޗީޒް
ބަނަސް ފުށްގަނޑު
400 ގުރާމް ފުށް
40 ގުރާމް ބަޓަރ، ފިނިކަނޑުވާފަ
1 މޭޒުމަތިސަމްސަ ހަކުރު
1 ބިސް
150 ގުރާމް ފެން
1 ސައިސަމްސާ ލޮނު
11/2 ސައިސަމްސާ އިންސްޓަންޓްއީސްޓް
އެގްވޮޝް ހަދާލުމަށް
1 ބިސް
1 މޭޒުމަތިސަމްސާ ފެން
ތައްޔާރުކުރާނެގޮތް
1-ފެން ނޫން ހުރިހާ ތަކެތި ފުށްގިރާ މެޝިނަށް އެޅުމަށްފަހު އެއްކޮށްލައްވާ، ދެން ފެން އަޅައިގެން 12 މިނިޓް ފުށްގަނޑު މޮޑެލައްވާ.
2-ފުށްގަނޑުމޮޑެވުމުން ބޮޑު ބޯތަށްޓެއްތެރޭ ތެޔޮކޮޅެއް އުނގުޅުމަށްފަހު ފުށްގަނޑުލާފަ، ތަށި މަތިބަންދުކޮށްފަ 1 ގަޑިއިރުވަންދެން ބާނދާ، އެއްގަޑިއިރު ވުމުން ފުށްގަނޑުނަގާ ކުޑަކޮށް މޮޑޭލައްވާފަ 6 ގުޅަޔަށް ބަހާލާ.
3-ގުޅައެއް ނަގާފަ ވައްކޮށް ދަމާލާ، ދެން ދަމާލި ފުށްގަނޑުގެ މެދަށް މަސްކޮޅެއް އަޅާލައްވާ، ދެން ޗީޒް ސްލައިސް އެއް ބާވާފަ، ބިސްކީމިޔާ ފަތް ޖަހާ ގޮތަށް ފަތްޖަހާލައްވާ. މިގޮތަށް ހުރިހާ ފުށްގުޅައިން ބަނަސްހައްދަވާ.
4-ބަނަސްތަށް ހެދުނީމަ ބަނަސްތަށް ޓްރޭއެއްތެރޭ އެއްބަނަސް އނެއްބަނަސް ދޭތެރޭ ބައިއިންޗި ހުންންހާ ދުރުމިނުގަ އަތުރާލައްވާ.
5-ބަނަސްތަށް މަތީ ފޮތިކޮޅެއް ނޫނީ ކްލިންގް ވްރެޕްއަޅާފަ 20 މިނެޓް ބަހައްޓަވާ. 20 މިނެޓްވުމުން އަވަން 200 ޑިގްރީސެލްސިއަސްއަށް ހޫނުކޮށްލައްވާ.
6-ބޯތަށްޓަކަށް 1 ބިސް އަދި 1 މޭޒުމަތިސަމްސާ ފެން އަޅާ ގިރާލައްވާ، އެގްވޮޝް ބަނަސްތަށް މަތީހޭކުމަށްފަހު ބަނަސް ތަށް މަށްޗަށް ސެސިމީސީޑް ބުރުވާފަ ޓްރޭ އަވަންއަށް ލައިގެން ބަނަސް ރަތްވެލަންދެން ފިއްސަވާ.
މަސްކޮޅު
7-ތަށްޓަކަށް މަސް، ޓިއްކާ ހަވާދު، ތެޅިމިރުސް، ކޮތަންބިރި، ސްޓޮކްޕައުޑަރ، ލޮނު އަދި ޔޯގަޓް އަޅާ އެއްކޮށްލައްވާ.
8-ތެއްޔެއްގަ ތެޔޮކޮޅު އަޅާ ހޫނުކޮށްލައްވާ، ފިޔާ، އިނގުރުލޮނުމެދުޕޭސްޓް، މިރުސް އަޅާ ފިޔާކޮޅޫ މޯޅިވެލަންދެން ރަތްކޮށްލައްވާ،
9-ފިޔާ މޯޅިވުމުން މަސްކޮޅު އަޅާ މަސްކޮޅު ދެމިނެޓެއްވަރު ކައްކާލައްވާ،ދެން ކޮރިއެންޑަރ ފަތް އަޅާ އެއްކޮށްފަ ތަށްޓަކަށް މަސްކޮޅު ނަގާފަ ބަހައްޓާ.
