ފާރޮށި އަދި ބޮޑުބަނަސް

މިފުށްގަނޑުން ހެދޭނީ: 24 ފާރޮށި ބަނަސް އަދި 8 ބޮޑުބަނަސް

ފާރޮށްޓަކީ ދިވެހިންގެ ތެރޭގަ 3 ގޮތަކަށް ބޭނުންކޮށް އުޅުނު އެއްޗެކެވެ. އެއީ ކެއުމަށްށާ، ފާރޮށިކުނޑި ހެދުމަށްށާ، އަދި ދިވެހި ބޭސްވެރިކަމުގަ އެވެ. ބޭސްވެރި ކަމޭބުނީމަ ބައެއްބޭފުޅުން ހައިރާނވެދާނެއެވެ، ނަމަވެސް ފާރޮށި ތަންކޮޅެއް ކުރިން ބޭސްވެރިކަމުގަ ބޭނުންކޮށްއުޅުނެވެ. މިހާރު ބޭނުންކުރާކަމެއް އަޅުގަނޑަކަށް ނޭގެއެވެ. އަޅުގަނޑުގެ މަންމަފަރާތު މާމަޔާ ކާފަޔަކީ ދިވެހިބޭސްހަދާ އުޅުނު 2 މީހުންނެވެ. ފާރޮށި ބޭނުންކޮށްއުޅެނީ ދިވެހި ބޭސްވެރިކަމުގަ ކިތަށްގޮތަށްކަމެއް އަޅުގަނޑަކަށް ނޭންގެއެވެ. ނަމަވެސް އިނގިލީގެ ނިޔަފަތީގެކަންވަދެ ތަދުވަންޏާ ފާރޮށި ފޯކޮށްފަ އިނގިލީގަ ބަނދެއުޅުނެވެ. އަދި އިނގިލި ރަނގަޅުވަންދެން އެ ފާރޮށިގަނޑު ދުވާލު 2 އިރަށް ފޯކޮށްފަ ބާނދައެވެ. މީ އަޅުގަނޑަށް ފެނިފައޮތް އެއްގޮތެވެ. މިހާރު ދިވެހި ބޭސްވެރިން މިގޮތަށް ފާރޮށިބަންނަކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.

ފާރޮށި އަދި ބޮޑުބަނަސް މީ ވަރަށްގިނަ ދިވެހިންނަށް ކިރުސަޔާ ނޫނީ ކަޅުސަޔާ އެއްކޮށް ފަރިއްކުޅުވަން ވަރަށް މީރު 2 ބާވަތެވެ. ފާރޮށި އަދި ބޮޑުބަނަސް މީ އެއްފުށްގަނޑަކުން ފިހާ 2 ވައްތަރެވެ. އަޅުގަނޑު މި ރެސިޕީގަ ބްރެޑްފުށް ބޭނުންކުރަން ޖަހާފައިނަސް ފާރޮށި ހަދާލަން އާދައިގެ ފުށް ބޭނުންކުރެވިދާނެއެވެ، ނަމަވެސް ބޮޑުބަނަސް ހަދަންޔާ ހައިޕުރޮޓީން ފުށް ބޭނުންކޮށްލުން މުހިންމެވެ. އެއީ ބަނަސް މަޑުކޮށްހުރުމުގެ އެއްމެ ބޮޑު ސަބަބުކަމުގައި ވާތީއެވެ.

ބޭނުންވާނެ ތަކެތި

520 ގުރާމް ބްރެޑްފުށް
100 ގުރާމް ހަކުރު
1 މޭޒުމަތީސަމްސާ އިންސްޓަންޓް އީސްޓް
74 ގުރާމް ސަންފްލާވަރ ތެޔޮ
2 ބިސް
2 ސައިސަމްސާ ވެނީލަރއެސެންސް
ކުލަ ހިފާވަރަށް ރީނދޫކުލަ
220 ގުރާމް ފުލްކްރީމް މިލްކް

ތަށްޔާރުކުރާނެގޮތް

1-ފުށްގަނޑު މޮޑެން ބޭނުންވާ ތަކެތީގެ ތެރެއިން ކުލަ ނޫން ދެން ހުރި ހުރިހާ ތަކެތި ތަށްޓަކަށް އެޅުމަށްފަހު އެއްކޮށްލައްވާ.

2-ފުށްކޮޅު އެއްވުމުން ކުލަ އަޅައިގެން ފުށްގަނޑު މޮޑެން ފަށާ، ފުށްގަނޑު މޮޑޭނީ 12 މިނެޓް ވަންދެން.

3-ފުށްގަނޑު ރަނގަޅަށް މޮޑެވުމުން ފުށްގަނޑު ލެވޭވަރުގެ ބޮޑުތަށްޓެއްގެ އެތެރޭގަ ތެޔޮކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ލާފަ 1 ގަޑިއިރު ބާނދާ، ނޫނީ ޑަބަލްސައިޒް އަށް ފުފެންދެން. ބައެއްފަހަރު ދޮޅުގަޑިއިރު ނޫނީ 2 ގަޑިއިރުވެސް ވޭ.

4-ފުށްގަނޑު ޑަބަލްސައިޒްއަށް ފުފުމުން ފުށްގަނޑު ނަގާ ކުޑަކޮށް މޮޑެލައްވާ، ފުށްގަނޑުގަ ހެދިފަ ހުރި ވައިތަށް ދާވަރަށް.

5- ހަދަން ބޭނުންވާ ވައްތަރެއްގެ ބޮޑުމިނަށް ފުށްގަނޑުން ގުޅަޖައްސަވާ ( ފާރޮށި ހަދަންޔާ 41 ގުރާމް އަށް ގުޅަ ޖަހާނީ، ބޮޑުބަނަސް ހަދަންޔާ 114 ގުރާމް އަށް ގުޅަޖައްސަވާނީ).

6-ގުޅަޖެހުމަށްފަހު ޓްރޭއެއްގަ ބޭކިންޕޭޕަރ އަޅާފަ ފުށްގުޅަތަށް އޮމާނކޮށްފަ ކުޑަކޮށް ފިއްތާ ބައި އިންޗިއަށް ފްލެޓްކޮށްފަ ޓްރޭގަ އަތުރާލައްވާ، އަތުރާއިރު ކޮންމެ ފުށްގުޅައެއް ދޭތެރޭ ދެއިންޗި ދުރުމިން ބަހައްޓަވާތި.

7-ފުށްގުޅަތައްމަތީ ފޮތިކޮޅެއް އަޅާފަ 45 މިނެޓްވަންދެން ބަހައްޓާ، 45 މިނެޓްވުމުން އަވަން 160 ޑިގްރީއަށް ހޫނުކޮށްފަ ޓްރޭ ލައިގެން 20 މިނެޓް ނޫނީ ބަނަސްތަކުގެ މަތި އަދި އަޑި ރަތްވެލަންދެން ފިއްސަވާ.

8-ބޮޑުބަނަސް ފިހާނަމަ ބަނަސްތަށް ފިހެނިމުމުން ޓްރޭ އަވަންއިން ނަގާގޮތަށް ބަނަސްތަށް މަތީ މެލްޓްކޮށްފަހުރި ބަޓަރ އުނގުޅާފަ ބަނަސްތަށް ހިހޫނކުރަން ކޫލިން ރެކް (ހިހޫނކުރާނަރުގަނޑު) މަށްޗަށް ލާފަ ބަހައްޓާ، ހިހޫންވުމުން ކޭންބައްލަވާ ނޫނީ ޕެކްކޮށްލައްވާ.

9-ފާރޮށި ހަދާ ބަނަސް ނަމަ ކޮންމެ ބަނަހެއް މެދުން 2 ފަޅިކޮށްލައްވާ. ބަނަސްފަޅިތަކުގެ ރަތްވެފަ ވާ ބައި އަޑިއަށް އޮށްނަގޮތަށް ޓްރޭގަ އަތުރާލައްވާ، އަވަން 50 ޑިގްރީއަށް ޖައްސާފަ ޓްރޭ އަވަންގެ މެދުރެކަށް ލައިގެން 40 މިނެޓް ފިއްސަވާ.

10-ބައެއް އަވަންގަ އެއްމެ ދަށް ޓެންޕަރޭޗަރ އަކަށް 100 ޑިގްރީއިނިއްޔާ 100 ޑިގްރީއަށް ޖައްސާފަ އަވަންދޮރު ކުޑަކޮށް ހުޅުވާލައިގެން ފާރޮށި ފިއްސަވާ.

11-ސާޅިސް މިނެޓް ވުމުން ފާރޮށި ޓްރޭ އަވަން އިން ނަގާފަ ފާރޮށީގެ މަށްޗަށް އޮތްބައި ދަށަށް ޖައްސަވާފަ އަނެއްކާވެސް ޓްރޭ އަވަން އަށް ލައިގެން 40 މިނެޓް ފިއްސަވާ. ފާރޮށި ފިހެނިމުމުން ފާރޮށިހިހޫންކުރަން ކޫލިން ރެކްއެއްގެ މައްޗަށް ފާރޮށިތަށް ނަގާ އަތުރާފަ ބަހައްޓާ. ހިހޫނވުމުން މަތިޖެހި ކޮންޓެއިނަރ ނޫނީ ފުޅިއަކަށް އަޅާފަ ބަހައްޓާ.

ނޯޓް: އަޅުގަނޑު ލިޔާކޮންމެރެސިޕީއަކީ ވަރަށް ގިނަފަހަރު ބުރަ މަސައްކަތުން ޓެސްޓްކޮށްފަ ލިޔާ ރެސިޕީއެވެ، ވީމާ އެއްވެސް ފަރާތަކުން ރެސިޕީ ކޮޕީކޮށް އެއްވެސް އެއްޗެއްގަ ޕޯސްޓް ކުރާނަމަ އަޅުގަނޑުގެ ރެސިޕީކަމަށް ލިޔުށްވާފަ ޕޯސްޓްކުރުންއެދެމެވެ.