ހަވާދުލީ ނޫޑްލްސް ބިސް

ތަށްޔާރުކޮށްލެވޭނެ އަދަދު: 15-20 ބިސް / ތައްޔާރުކޮށް ތެއްލާލުމަށް ނަގާނެ ވަގުތު: 1/2 1 ގަޑިއިރު

ނޫޑްލްސް އަކީ ވަރަށްގިނަ ބޭފުޅުންނަށް މީރުއެއްޗެކެވެ. މިފަހަރު އަޅުގަނޑު މި ޝެއަރކޮށްލަނީ ހަވާދުލީ ނޫޑްލްސް ބިސް ހަދާލެވިދާނެގޮތެވެ، މީވެސް ހެދިކާއެއްގޮތުގަ ކާލަންވަރަށް މީރުވާނެ އެއްޗެކެވެ. ހަވާދުލީ ނޫޑްލްސްބިސް ހަދާލަން މަސްދަޅުގެ ބަދަލުގަ ފެނުކެއްކި ކުކުޅު މަސް ވެސް ބޭނުންކޮށްލެވިދާނެއެވެ. އަދި ތަފާތު ތަރުކާރީވެސް އެޅިދާނެއެވެ.

Hawaadulee noodles bis

ބޭނުންވާނެ ތަކެތި

2 ޕެކެޓް މަމީ ނޫޑްލްސް
1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
1/2 ގިތެޔޮމިރުސް، ކޮށާފަ
8 ހިކަނދިފަތް ކޮށާލާފަ
1 ލުނބޮލުގެ ހުތް
1/2 1 ޕެކެޓް މަމީނޫޑްލްސް ސޫޕްޕެކެޓްގެ ޕައުޑަރ
1/4 ޖޯޑު ފުށް
1 ދަޅު މަސް، ތެޔޮ އޮއްސާލާފަ
1/4 ޖޯޑު ކުދިކޮށް ކޮށާފަ ހުރި ކެރެޓް
1/4 ޖޯޑު ކުދިކޮށް ކޮށާފަހުރި ކެބެޖް
ނޫޑްލްސް މަޑުވާވަރަށް ފެން
ތެޔޮ

ހަވާދު ބައި ހަދާލުމަށް
1 މެދުސައިޒް ފިޔާ، ކޮށާފަ
6 ހިކަނދިފަތް
5 ރާނބާފަތް ކޮޅު
1/2 ގިތެޔޮމިރުސް، ކޮށާފަ
1 ސައިސަމްސާ އިނގުރުލޮނުމެދު ޕޭސްޓް
2 މޭޒުމަތިސަމްސާ ހަނާކުރިހަވާދު
2 މޭޒުމަތީސަމްސާ ލޮނުމިރުސްހަވާދު
1 މޭޒުމަތީސަމްސާ ޓޮމާޓޯޕޭސްޓް
1 ސައިސަމްސާ ލޮނު
1/3 ޖޯޑު ފެން
1/3 ޖޯޑު ބޯކިރު
1 މޭޒުމަތީސަމްސާ ކުކުޅުހަވާދު

ތަށްޔާރުކުރާނެގޮތް

1-ތިންޖޯޑު ފެން ތެއްޔަކަށް އަޅާ ކައްކަންފަށާ، ފެންގަނޑު ކެކިގަތީމަ ނޫޑްލްސް ފުނޑުކޮށްލާފަ އަޅާ އެއްކޮށް ފެންހިކެންދެން ކައްކާލައްވާ. ނޫޑްލް ކެކުނީމަ އުނދުންމަތިން ބާލާ އެއްކޮށްހިހޫންކޮށްލަން ބަހައްޓާ.

2-ތަށްޓަކަށް ފިޔާ، ހިކަނދިފަތް، ގިތެޔޮމިރުސް، ނޫޑްލްސޫޕް އަދި ލުނބޯ ހުތް އަޅާ އެއްކޮށްފަ ރަނގަޅަށް މޮޑެލައްވާ، މޮޑެވުނީމަ މަސް، ކެރެޓް، ކެބެޖް އަޅާ މޮޑެލުމަށްފަހު މަޑުކޮށްލި ނޫޑްލްސް އަދި ފުށް އަޅާ މޮޑެލައްވާ.

3-ދެން ބިސް ބައްޓަމަށް ގުޅަ ޖައްސަވާ، ބިސްތަށް ތެއްލެވޭވަރަށް ތާހަކަށް ތެޔޮއަޅާ ތެޔޮގަނޑު ހޫނުކުރުމަށްފަހު ނޫޑްލްސް ބިސްތަށް އަޅާ މަޑު ބްރައުންކުލަ އަރާލަންދެން ތެއްލާލައްވާ. ތެއްލުނީމަ ތަށްޓެއްގަ ޓިޝޫ އެޅުމަށްފަހު ޓިޝޫމައްޗަށް ބިސްތަށް ނަގާފަ ބަހައްޓަވާ.

ބިހުގަ ހަވާދުލުން

4-ތެއްޔަކަށް ހަތަރުމޭޒުމަތީސަމްސާ ތެޔޮ އަޅާހޫނުވުމުން ފިޔާ، ހިކަނދިފަތް، ރާނބާފަތް، ގިތެޔޮމިރުސް، އިނގުރުލޮނުމެދު ޕޭސްޓް އަޅާ ފިޔާކޮޅު ރަތްވެލަންދެން ތެއްލާލައްވާ.

5-ފިޔާކޮޅު ރަތްވީމަ ހަނާކުރިހަވާދު، ލޮނުމިރުސް ހަވާދު، ޓޮމާޓޯޕޭސްޓް، ލޮނު، ފެން އަޅާ ފެންކޮޅު ކެކިގަތީމަ ބޯކިރު އަދި ކުކުޅު ހަވާދު އަޅާ އެއްކޮށްލައްވާ.

6-ހަވާދުކޮޅު ހިކުނީމަ ތެއްލާލާފަ ހުރި ނޫޑްލްސް ބިސްތަށް އަޅާ ހަވާދުކޮޅާ އެއްކޮށްލައްވާފަ، ސާރވްކޮށްލާ.