ތައްޔާރުކޮށްލަން ނަގާނެވަގުތު: 1/2 1 ގަޑިއިރު / ސާވިން ސައިޒް: 5
އެއްމެފުރަތަމަ ހޮޓްބަޓަރ ޗިކަން އަޅުގަނޑު ކެއީ އޭޝިއާނާ ރެސްޓޯރަންޓް އިންނެވެ. ހޮޓްބަޓަރ ޗިކަން މީ އަޅުގަނޑަށް ވަރަށް މީރު ކުކުޅެކެވެ. އަދި ގިނަ ދިވެހިންނަށް ވެސް ވަރަށް ކަމުދާ ޑިޝް އަކަށް މި ކުކުޅު ވެއެވެ. މި ޑިޝްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އިންޓަނެޓްގަ ނެތުމުން މީ އޮރިޖިނަލީ ކޮން ގައުމެއްގެ ޑިޝްއެއްކަން އަޅުގަނޑަކަށް ސާފެއް ނުވިއެވެ. މިހެންވެ މި ރެސިޕީ ތައްޔާރުކޮށްލަން އަޅުގަނޑަށް ކުޑަކޮށް އުނދަގޫވިއެވެ، ނަމަވެސް ވަރަށް ވިސްނައިގެން މި ޑިޝްގެ އަސްލު ރަހަ ނުގެއްލޭގޮތަށް ރެސިޕީ ލިޔެލާފަ ހޮޓްބަޓަރ ޗިކަން ތަށްޔާރު ކުރީމެވެ، ފުރަތަމަ ފަހަރު ސޯސްގަ ލާރަހަ ކަމުނުދިޔަ އެވެ، ދެން ވެސް އަނެއްކާ ތަފާތެއް ގެނަސް ތައްޔާރުކޮށްލީމެވެ. މިފަހަރު ހަމަ އެއްވަނައެވެ. މި ޑިޝް ކޭންބެއްލެވި އެއްމެންވެސް މި ކުކުޅު ވަރަށް މީރުކަމަށް ބުންޏެވެ. މި އީދު ދުވަހު ހަދާލަން ވަރަށް ކަމުދާނެ ކުކުޅަކަށް ވާނެއެވެ.

ބޭނުންވާނެ ތަކެތި
ކުކުޅު މެރިނޭޓް
450 ގުރާމް ބޯންލަސް ކުކުޅު، އެއްއިންޗި ކިއުބްވަރަށް ކޮށާފަ
2 ބިސް
1/2 ސައިސަމްސާ ރީނދޫ
1/2 ސައިސަމްސާ އަސޭމިރުސް
3 މޭޒުމަތިސަމްސާ ކޯންފްލަރ
4 މޭޒުމަތިސަމްސާ ފުށް
ކުޑަ ރަތްކުލަ ކޮޅެއް
1 ސައިސަމްސާ ލޮނު
ތެޔޮ ކުކުޅު ތެއްލޭވަރަށް
ހޮޓް ބަޓަރޗިކަން ކެއްކުމަށް
50 ގުރާމް ބަޓަރ
3 މޭޒުމަތިސަމްސާ ޗޮޕްކޮށްފަ ހުރި އިނގުރު ލޮނުމެދު
1 މެދުސައިޒް ފިޔާ. ކޮށާފަ ވައްކޮށް
3 ކެޕްސިކަމް. ކޮށާފަ
3 ސްޕްރިންގ އަނިއަން. ކޮށާފަ
10 ހިކިމިރުސް، ކޮށާފަ
ސޯސްގެ އެއްކުރާބައި
5 މޭޒުމަތިސަމްސާ ޗިލީސޯސް
7 މޭޒުމަތީސަމްސާ ޓޮމާޓޯސޯސް
2 މޭޒުމަތިސަމްސާ ޑާރކް ސޯއީސޯސް
3 މޭޒުމަތީސަމްސާ ޗިލީޕޭސްޓް
1 ސައިސަމްސާ ތެޅިމިރުސް
1/2 1 ސައިސަމްސާ ޗިކަންސްޓޮކް ނޫނޫ މެގީ ކިއުބް، ކޮށާލާފަ
1/2 ސައިސަމްސާ ލޮނު
ތަށްޔާރުކުރާނެގޮތް
1-ކުކުޅު މެރިނޭޓް ގައި އިންބައިން ކުކުޅު އަދި ތެޔޮ ނޫން ހުރިހާ ތަކެތި އަޅާ އެއްކޮށްލައްވާ، ފުށްކޮޅު އެއްވުމުން ކުކުޅު ތެރެއަށް އަޅާ އެއްކޮށްލައްވާ. ތާހަކަށް ތެޔޮ އަޅާ ތެޔޮ ހޫނުކޮށްލައްވާ. ދެން ފަހަރަކު ކުކުޅު ކޮޅެއް ނަގާ ތެލައްލާ،( ތެޔޮގަނޑު ތެރެއަށް ކުކުޅު ކޮޅު އެއްކޮށް އަޅާފިއްޔާ ބިސް ކޮޅު ވަކިވެ ތެލިތެރޭ ބިސްކުނޑިއުފެދޭނެ ވީމާ ފަހަރަކު ކުކުޅުކޮޅެއް ތެލައްލުން މުހިންމު) ކުކުޅު ރަތްވެލަންދެން ތެއްލާލައްވާ، މިގޮތަށް ހުރިހާ ކުކުޅެއް ތެއްލާފަ ބަހައްޓާ.
2- ސޯސްގެ އެއްކުރާބައިގެ ދަށުގަ ވާތަކެތި ތަށްޓަކަށް އަޅާ އެއްކޮށްލާފަ ބަހައްޓާ.
3-ތެއްޔަކަށް ބަޓަރ އަޅާ މެލްޓްކޮށްލައްވާ، ދެން އިނގުރު އަދި ލޮނުމެދު އަޅާ މިނެޓެއްވަރު ފްރައި ކޮށްފަ ފިޔާ އަޅާ މޯޅިވެލަންދެން ފްރައިކޮށްލައްވާ.
4-ފިޔާ މޯޅިވުމުން ކެޕްސިކަމް އަދި ހިކިމިރުސް އަޅާ ދެމިނެޓެއް ވަރު ތެއްލާލާ، އެއްކޮށްލި ސޯސް އަދި ތެއްލާފަ ހުރި ކުކުޅު އަޅާ އެއްކޮށްފަ، އެއްކޮށްލި ސޯސް އަޅާ ކުކުޅުގަ ސޯސް ހިފާލަންދެން ހާވަމުން ކައްކާލާ، ސްޕްރިންގ އަނިއަން އެއްކޮށްފަ އުނދުންމަތިން ބާލާ ތަށްޓަކަށް ކުކުޅޫކޮޅު އަޅާފަ ބަހައްޓާ.
