ހެދޭނެ އަދަދު: 8-10 ރޯލްސް / ރޯލްސް ހަދާލަން ނަގާނެ ވަގުތު: 1/2 1 ގަޑިއިރު
ރޯލްސް އާނމުކޮށް މި ހަދާއުޅެނީ މަސްދަޅު ނޫނީ ވަޅޯމަސް އަޅައިގެން ، މި ރޯލްސް ރެސިޕީގަ އަޅުގަނޑު
ބޭނުންކޮށްލީ ކުކުޅު މަސް ، އަދި މީގަ ބޭނުންކޮށްފަ ހުންނާނީ ފިހާރަތަކުން ވިއްކަންހުންނަ ލޮނުމިރުސް ހަވާދު
ޕައުޑަރ އަދި ހަނާކުރި ހަވާދު ޕައުޑަރ.
ރޯލްސް ތެއްލާއިރު ރީތިކޮށް ތެއްލެވޭކަމަށް އަޅުގަނޑަށް ފާހަގަވަނީ ތެޔޮގަނޑު ރަނގަޅަށް ހޫނުވީމަ
ތެޔޮގަނޑުތެރޭ ތޮށްނުޖެހޭ ވަރަށް ރޯލްސް އަޅައިގެން ތެއްލީމަ.

ބޭނުންވާނެ ތަކެތި
މަސްކޮޅު ހެދުމަށް
300 ގުރާމް ބޯންލަސް ކުކުޅު، ކުދިކޮށް ކޮށާފަ
1 މެދުސައިޒް ފިޔާ، ކުދިކޮށް ކޮށާފަ
10 ހިކަނދިފަތް، ކޮށާލާފަ
1 ސައިސަމްސާ އިނގުރު ލޮނުމެދު ޕެސްޓް
1/2 ގިތެޔޮމިރުސް، ކުދިކޮށް ކޮށާފަ
1/4 ޖޯޑު މަޑުކޮށްފަ ހުރި އަލުވި ކުދިކޮށްކޮށާފަ
1/4 ޖޯޑު ކެރެޓް، ކުދިކޮށްކޮށާފަ
1/4 ޖޯޑު ގްރީންޕީސް
1 މޭޒުމަތީސަމްސާ ލޮނުމިރުސް ޕައުޑަރ
1 މޭޒުމަތީސަމްސާ ހަނާކުރިހަވާދު ޕައުޑަރ
1 މޭޒުމަތިސަމްސާ ޓޮމާޓޯޕޭސްޓް
1 ސައިސމަސާ ސްޓޮކްޕައުޑަރ ނޫނީ މެގީކިއުބް
1/2 ސައިސަމްސާ ލޮނު
ފޮޅި ހަދަން ބޭނުންވާނެތަކެތި
1 ޖޯޑު ފުށް
1 ބިސް
1/2 ސައިސަމްސާ ލޮނު
2 ޖޯޑު ފެން
ރޯލްސް ތައްޔާރުކޮށް ތެއްލާލުމަށް
1 ޖޯޑު ފާރޮށި ކުނޑި
2 ބިސް
ތެޔޮ
ތަށްޔާރުކުރާނެގޮތް
މަސްކޮޅު
1-ތެއްޔަކަށް ތެޔޮ އަޅާހޫނުވީމަ ފިޔާ، ހިކަނދިފަތް، އިނގުރު ލޮނުމެދު ޕެސްޓް އަދި މިރުސް އަޅައިގެން
ފިޔާކޮޅު މޯޅިވެލަންދެން ރަތްކޮސްލައްވާ.
2-ފިޔާ މޯޅިވުމުން އަލުވި، ކެރެޓް އަދި ގްރީންޕީސް އަޅާ އެއްކޮށްފަ ދެމިނިޓް ވަރު ކައްކާފަ ލޮނުމިރުސް،
ހަނާކުރި ހަވާދު، ޓޮމާޓޯޕެސްޓް، ސްޓޮކްޕައުޑަރ އަދި ކުކުޅު އަޅާ ކުކުޅު ރޯފިލާ ފެންކޮޅު ހިނދެންދެން
ކައްކާލައްވާ.
3-ކުކުޅުކޮޅު ހިކުނީމަ ލޮނު އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ އެއްކޮށް ހިހޫންކޮށްލައްވާ.
ފޮޅި ހަދާލުން
4-މިކްޗަރަކަށް ފުށް، ބިސް، ލޮނު އަދި ފެން އަލައިގެން ފުށްގަޑު ގިރާލައްވާ.
5-ތަތް ނުލަވާ ތަވައެއް ހޫނުކުރުމަށްފަހު އުނދުޅިއެއްހާ ފުށް ތާސްމަށްޗަށް އަޅާ ފަތުރާލުމަށްފަހު ރޯފިލަންދެން
ފިހެލާ. މިގޮތަށް ފުށްކޮޅު ހުސްވަންދެން ފޮޅި ފިހެލާ. ފޮޅިތަށްމަތީ ފޮތިކޮޅެއް އަޅަލާފަ ބެހެއްޓުމުން ފޮޅިތަށް
ހަރުނުވެ މަޑުކޮށް ހުންނާނެ.
ރޯލްސް ހަދާލުން
6-ފޮޅިއެއް ނަގާފަ ފޮޅިގެ އެއްފަރާތަށް މަސްކޮޅެއް އެޅުމަށްފަހު ރޯލްސް ހަދާގޮތަށް އޮޅާލާ މިގޮތަށް ހުރިހާ
ފޮޅިއަކުން ރޯލްސް ހަދާލާ
7-ކޮންމެ ރޯލްސްއެއް ބިހައްލާފަ ނަގާ ފާރޮށި ކުނޑިއަށް ލާ ރޯލްކޮށްލާ. މިގޮތަށް ހުރިހާ ރޯލްސް ހަދާ
ނިމުމުން ތެޔޮގަނޑު ހޫނުކޮށްފަ ރޯލްސްތަށް މަޑު ބްރައުން ކުލަ އަރާލަންދެން ތެއްލާލާ.
