މި ހަލުވިދާއިން 7 މީހުންނަށް ކެވޭނެ / ތަށްޔާރުކޮށްލަން ހޭދަވާނީ: 30 މިނެޓް
ހަލުވިދާ އޭ ބުނީމަ ކޮންމެބޭފުޅަކަށްވެސް ހީވާނީ ފިޔާތޮށިކުލައިގެ ރޯސް ހަލުވިދާކަމަށެވެ. އަޅުގަނޑު އީދަށް ހާއްސަ ކޮށްގެން މި ތަށްޔާރުކޮށްލީ ކުރުނބާ ހަލުވިދާއެވެ. ކުރުނބާ މީ އަޅުގަނޑަށް ވަރަށް މީރު އެއްޗެކެވެ. ކުރުނބާ ފެން ފުޅި އަބަދުވެސް ހުސްނުވެ އަޅުގަނޑު ފްރިޖްގަ ބަހައްޓަމެވެ، ކުރުނބާ ފެނަކީ ހައިޑްރޭޓް ކޮށް ގިނައިރު ހަށިގަނޑު ބެހެއްޓުމަށް ބޭނުންވާ ގުދުރަތީ މިނެރަލްސް އަދި ވިޓަމިން ހިމެނޭ ފެނެކެވެ. އަދި ކޮލެސްޓުރޯލް އާ ފެޓް ނުހިމެނޭ ފެނެއްކަމަށް ވެޔެވެ. އަޅުގަނޑު މި ހަލުވިދާ ހަދާލިއިރު ކުރުނބާ ތަންކޮޅެއް ހަރު ހެވާ ކޮށާފަ އެޅީ މީރުވެފަ ފެންނަލެއްވެސް ރީތިވާނެތީއެވެ. މިހަލުވިދާއަކީ އީދުދުވަހު ހަދާލަން ވަރަށް ކަމުދާނެ ފޮނިއެއްޗެކެވެ.

ބޭނުންވާނެ ތަކެތި
2 ޖޯޑު ފެން
3 ޖޯޑު ކުރުނބާ ފެން
1 ޖޯޑު ހަކުރު
350 ގުރާމް ކިރިޔާ ގަބުޅިއަށް ނުވާ ކުރުނބާ، ދިގަށް ކޮށާފަ
1 ޕެކެޓް އަގަރު އަގަރު
ތަށްޔާރުކުރާނެގޮތް
1-ދެ ޖޯޑުފެން އަދި އަގަރު އަގަރު ތެއްޔަކަށް އަޅާފަ ކައްކަންފަށާ، އަގަރު އަގަރު ފެންގަނޑުތެރޭ ވިރުނީމަ ހަކުރު އަޅާ ހަކުރު ވިރެންދެން މަޑުގިނީގަ ހާވަމުން ކައްކާ ލައްވާ.
2-ހަކުރު ވިރުނީމަ ކުރުނބާފެން އަދި ކުރުނބާ ހެވާ އަޅާ އެއްކޮށްލާފަ، ސެޓްކުރާ ތައްޓަށް ހަލުވިދާ މިކްސްޗަރ އަޅާފަ ސެޓްވަންދެން ފްރިޖްގަ ބާނދާ،
3-ހަލުވިދާ ސެޓް ވީމަ ކަފާފަ ސާވްކޮށްލައްވާ.
