ޕޭސްޓްރީ ޓްރޭ

ތައްޔާރު ކުރަން ނަގާނެ ވަގުތު: 4 ގަޑިއިރު / ވައްތަރަކުން 5 ނޫނީ 6 ޕޭސްޓްރީ ހެދޭނެ

ޕޭސްޓްރީ ޓްރޭމީ އެއް ފުށްގަނޑަކުން ފަސް ވައްތަރުގެ ޕޭސްޓްރީ ހަދާލެވިދާނެގޮތް އަޅުގަނޑު ބުނެދޭ
ރެސިޕީއެކެވެ. މި ފުށްގަނޑު ހަދަން އަޅުގަނޑު ބޭނުންކޮށްފަ ވާނީ އާދައިގެ ފުށް. އާދައިގެ ފުށުން ބަނަސް
ނުވަތަ ޕާން ހަދާކަމަށްވަންޏާ ފުށްގަނޑު ތަންކޮޅެއް ގިނައިރު މޮޑެލަން ޖެހޭ، މި ފުށްގަނޑު މެޝިނުން
މޮޑޭކަމަށްވަންޏާ 15 މިނިޓް އަދި އަތުން މޮޑޭކަމަށްވަންޏާ 30 މިނިޓް މޮޑެލަންވާނެއެވެ.
މި ފުށްގަނޑަކީ ތަންކޮޅެއް ތެއްފުށްގަނޑަކަށްވާތީ ބަނަސްތަށް ހަދާއިރު ހިކިފުށްބޭނުންނުކޮށް އަތުގަޔާ އަދި
ފުށްގަނޑު ގެ މަސަތްކަތް ކުރާ މޭޒު ނޫނީ ޕޭސްޓްރީ މެޓް މަތީ ތެޔޮ ނޫނީ ބަޓަރ އުނގުޅައިގެން މަސަތްކަތް
ކުރުން އެދެން.

ބޭނުންވާނެ ތަކެތި

ފުށްގަނޑު
750 ގުރާމް ފުށް
5 ސައިސަމްސާ އިންސްޓަންޓް އީސްޓް
60 ގުރާމް ހަކުރު
40 ގުރާމް ހިކި ކިރު
75 ގުރާމް އަންސޯލްޓަޑް ބަޓަރ
1 ސައިސަމްސާ ލޮނު
490 ގުރާމް ތާފަނާ ފެން

ތަށްޔާރުކުރާނެގޮތް

1-ބަޓަރ ނޫން ހުރިހާއެއްޗެއް އަޅާ އެއްކުރުމަށްފަހު ފުށްގަނޑު ރަނގަޅަށް އެއްވަންދެން މޮޑެލައްވާ.
2-ފުށްގަނޑު މޮޑެވުމުން ބަޓަރ އަޅައިގެން މެޝިނުން މޮޑޭކަމަށްވަންޏާ 15 މިނިޓް މޮޑެލައްވާ.
އަތުން މޮޑޭކަމަށްވަންޏާ 30 މިނިޓް މޮޑެލައްވާ.
3-ފުށްގަނޑު މޮޑެވުމުން ބޮޑު ތަށްޓެއްގެ އެތެރޭގަ ކުޑަ ތެޔޮކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ލާފަ،
ތަށީގެ މަތިބަންދުކޮށްފަ 1 ގަޑިއިރު ވަންދެން ބާނދާ.
4-އެއްގަޑިއިރު ވުމުން ފުށްގަނޑު ނަގާ އެއްކޮށްލުމަށްފަހު ފުށްގަނޑު 5 ބަޔަށް ބައިކޮށްލާ.
ބައިކޮށްލާފަ ވީޑިޢޯގަ ބުނޭދީފަ އިންގޮތަށް ފަސްވައްތަރުގެ ޕޭސްޓްރީ ތަށްޔާރު ކޮށްލައްވާ.

މިނީ ބާގަރ ހެދުމަށް ބޭނުންވާނެ ތަކެތި

މިނީ ބާގަރ ޕެޓީސް
ލެޓިއުސް
ޓޮމާޓޯ ސްލައިސް
ސްލައިސް ޗީޒް
މެޔޮނައިސް
ޓޮމާޓޯސޯސް

ހާފްމޫން ބަން ހެދުމަށް ބޭނުންވާނެ ތަކެތި

ސަބްމެރިން މެޔޮނައިސް
ލެޓިއުސް
ޓޮމާޓޯ ސްލައިސް
ލަންޗިއަންމީޓް

ޗޮކޮލެޓްބަން ހެދުމަށް ބޭނުންވާނެތަކެތި

ޗޮކޮލެޓް ( 2 އިންޗި ދިގު، 1 ސެންޓިމީޓަރ ފުޅާ ) މި ސައިޒަށް ކޮށާފަ

މިނީ ސަބްމެރިންބަން ހަދާލުމަށް ބޭނުންވާނެ ތަކެތި އަދި މަސްކޮޅު ތަށްޔާރުކޮށް ލާނެ ގޮތް

250 ގުރާމް ކުކުޅު
2 ސައިސަމްސާ ސޯޔާ ސޯސް
1/2 ސައިސަމްސާ ލޮނު
1/2 ސައިސަމްސާ އަސޭމިރުސް ޕައުޑަރ
1 ކުޑަ ފިޔާ، ކޮށާލާފަ
2 ސައިސަމްސާ ލޮނުމެދު ޕެސްޓް
3 މޭޒުމަތީސަމްސާ ސަބްމެރިން ސޯސް
3 ތިކި ޓަބެސްކޯ ސޯސް
2 މޭޒުމަތީސަމްސާ ސަންފްލާވަރ ތެޔޮ

މަސްކޮޅު ތަށްޔާރު ކުރާނެގޮތް

1-ކުކުޅު ކޮޅު ތެރެއަށް ސޯޔާ ސޯސް، އަސޭމިރުސް، ލޮނު އަޅާ އެއްކޮށްފަ ބަހައްޓާ.
2-ތެޔޮކޮޅު ތެއްޔެއްގަ ހޫނުކުރުމަށްފަހު ފިޔާ އަދި ލޮނުމެދު އަޅައިގެން ފިޔާމޯޅިވެލަންދެން
ކައްކާލުމަށްފަހު މަސްކޮޅު އަޅައިގެން މަސްކޮޅު ކުޑަކޮށް ފްރައި ވަންދެން ކައްކާފަ އުނދުންމަތިން ބާލާ
ހިހޫންކޮށްލައްވާ.
3-މަސްކޮޅު އެއްކޮށް ހިހޫންވުމުން ސަބްމެރިން ސޯސް އަދި ޓަބެސްކޯ ސޯސް އަޅާ މަސްކޮޅާ
އެއްކޮށްފަ ސަބްމެރިން ބަންއަށް މަސްކޮޅު އަޅާލާ.

ޝަވަރުމަ ބަން އަށް ބޭނުންވާނެ މަސްކޮޅު ތައްޔާރު ކުރާނެގޮތް

2 ފެނުކެއްކިބިސް ( ގާނާފަ)
1 ކުޑަ ފިޔާ، ކޮށާލާފަ
1/4 ޖޯޑު ރަތް ބެލްޕެޕާރ ކޮށާފަ
1/4 ޖޯޑު ފެހި ބެލްޕެޕަރ ކޮށާފަ
2 ސައިސަމްސާ ރާޅު މިރުސް
1/2 ސައިސަމްސާ ލޮނު
1/2 ދަޅު މަސް، ވިނުވާލާފަ
3 މޭޒުމަތީސަމްސާ މެޔޮނައިސް
3 ތިކި ޓަބެސްކޯސޯސް ނޫނީ ގިތެޔޮމިރުސް ސޯސް

މަސްކޮޅު ތައްޔާރު ކުރާނެގޮތް

1-ތެއްޔެއްގަ ތެޔޮކޮޅު ހޫނުކުރުމަށްފަހު ފިޔާ އަޅާ އެއްމިނިޓް ކައްކާލުމަށްފަހު ބެލްޕެޕަޜ އަޅާ
ބެލްޕެޕާކޮޅު މޯޅިވެލަންދެން ކައްކާލައްވާ،
2-ބޭލްޕެޕަރ ކޮޅު މަޑުވުމުން ރާޅުމިރުސް އަދި ލޮނު އަޅާ އެއްކޮށްފަ އުނދުންމަތިން ބާލާ
ހިހޫންކޮށްލައްވާ.
3-ބެލްޕެޕަރ ކޮޅު އެއްކޮށް ހިހޫންވުމުން ބިސް، ދަޅުމަސް އަޅާ އެއްކޮށްފަ ، މެޔޮނައިސް އަދި
ޓަބަސްކޯ ސޯސް އަޅާ އެއްކޮށްފަ، ބަނަސްތެރެއަށް އަޅާލާ.