ސައޫދީ ބަތް އަޅުގަނޑު ކައްކާލަންބޭނުންކޮށްފަ މިވަނީ ކުކުޅު ގައެވެ، ނަމަވެސް ބަކަރި އަދި ބީފް މަހުގަވެސް މި ބަތް ކައްކާލެވިދާނެއެވެ، އަދި މި ބަތުގަ އަޅުގަނޑު ބޭނުންކޮށްލާފަ ވާނީ ދިވެހި ހަވާދެވެ، އެއީ މި ބަތް ކެއްކުމަށް ބޭނުންކުރާ ހަވާދު ކޮންމެ ކޮންމެ ބޭފުޅަކައް ގައްނަން ނުލިބިދާނެތީއެވެ.
ތިބޭފުޅުންނަން އިނގިލައްވާތޯއެވެ. ސައޫދީއެރެބިއާ އަކީ ދުނިޔޭގަ އެއްމެގިނަ ވިޔަފާރިއަށް ބޮޑުކުރާކުކުޅު ކާ ގައުމެވެ. މި ގައުމުގަ އަހަރަކު ބޮލަކަށް 39.9 ކިލޯގެ ކުކުޅު ކާކަމަށް ވެއެވެ. މި މަޢުލޫމާތު އަޅުގަނޑަށް ލިބުނީމަ އަޅުގަނޑު ހިތަށްއެރި ދިވެހިރާއްޖޭގަ މިއަށްވުރެއް ގިނައިން ނުކާނެބާވައޭ! އެއީ އަޅުގަނޑުމެންގެ އަމިއްލަ ގައުމުގަ ބާނާ މަހަށް ވުރެއް އިމްޕޯޓް ކޮށްވިއްކަން ހުންނަ ފިނިކުރި ކުކުޅު ލިބޭލެއް އަގުހެޔޮވީމައެވެ.

ބޭނުންވާނެ ތަކެތި
1200 ގުރާމްގެ ކުކުޅެއް، 2 ފަޅިކޮށް ހަންނޮޅާ ސާފުކޮށް ކުކުޅުގެ މަސްބޯހިސާބުގަ ޅިއަ އަޅާފަ
2 ބޮޑުފިޔާ، ދިގަށް ކޮށާފަ
2 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދުޕޭސްޓް
1 ގިތެޔޮމިރުސް، ކޮށާފަ
1 ބޮޑު ކެރެޓް، ދިގަށް ކޮށާފަ
1 ދަޅު ޕީލްޑް ޓޮމާޓޯ، ޕިއުރީކޮށްފަ
2 މޭޒުމަތީސަމްސާ ޓޮމާޓޯޕޭސްޓް
2 މޭޒުމަތީސަމްސާ ހަނާކުރިހާވާދު ޕައުޑަރ
2 މޭޒުމަތީސަމްސާ ކުކުޅުހަވާދު ޕައުޑަރ
1 މޭޒުމަތިސަމްސާ ދިރި
1 ސައިސަމްސާ އަސޭމިރުސް
1/2 1 މޭޒުމަތީސަމްސާ ޗިކަންސްޓޮކްޕައުޑަރ ނޫނީ 2 މެގީކިއުބް
1 ބޮޑު ބޭލީފް
2 ސައިސަމްސާ ލޮނު
2 ޖޯޑު ފުށްދިގު ބާސްމަތީ ހަނޑޫ
2 ބޮޑު ކެޕްސިކަމް
1/3 ޖޯޑު އެލްމަންޑް
1/3 ޖޯޑު ހިކި މޭބިސްކަދުރު
ތެޔޮ
ފެން
ކުކުޅުޕޮލިޝް
1 މޭޒުމަތީސަމްސާ ލޮނުމިރުސްހަވާދު ޕައުޑަރ
1 ސައިސމަސާ ރީނޑު
2 މޭޒުމަތިސަމްސާ ތެޔޮ
ތަށްޔާރުކުރާނެގޮތް
1-ބައި ޖޯޑު ތެޔޮ ތާހަކަށް އެޅުމަށްފަހު ހޫނުކޮށްލައްވާ، ހޫނުވުމުން ކުކުޅު ލައިގެން ކުކުޅު ގެ ބޭރުރަތްވެލަންދެން ތެއްލާލައްވާ، މިގޮތަށްތެއްލާއިރު ކުކުޅު ރޯނުފިލިޔަސް ރަނގަޅުވާނެ. ހަމައެކަނި ކުކުޅުގެ ބޭރު ރަތްކޮށްލަން ބޭނުންވަނީ. ކުކުޅު ބޭރު ރަތްވުމުން ކުކުޅު ތަށްޓަކަށް ނަގާފަ ބާންދާ.
2-ބޮޑު ތެއްޔަކަށް ހަތަރު މޭޒުމަތިސަމްސާ ތެޔޮ އަޅާ ހޫނުކޮށްލުމަށްފަހު ފިޔާ، އިނގުރު ލޮނުމެދު ޕޭސްޓް އަދި ގިތެޔޮމިރުސް އަޅާ ފިޔާ މޯޅިވެލަންދެން ރަތްކޮށްލާ، ފިޔާމޯޅިވުމުން ކެރެޓް އަޅާ ކެރެޓް ކޮޅު މޯޅިވެލަންދެން ތެއްލާލާ، ދެން ޕިއުރީކޮށްފަ ހުރި ޓޮމާޓޯ، ޓޮމާޓޯޕޭސްޓް، ހަނާކުރިހަވާދު، ކުކުޅު ހަވާދު، ދިރި، އަސޭމިރުސް އަޅާ އެއްކޮށްލާ މިނެޓެއްވަރު ކައްކާލައްވާ.
3-ދެން ދެ ޖޯޑުފެން، އެއްސައިސަމްސާ ލޮނު އަދި ޗިކަންސްޓޮކް އަޅާ އެއްކޮށްފަ ކުކުޅު ނުރޫޅޭގަތަށް ފެންގަނޑުތެރޭ ބާއްވާލައްވައިގެން ކުކުޅު ޜޯފިލަންދެން ކައްކާލާ.
4-ކުކުޅު ރޯފިލުމުން ކުކުޅު ނަގާ ޓްރޭ އަކަށް ލާފަ އަވަން 250 ޑިގްރީސެލްސިއްސްއަށް ހޫނުކޮށްފަ ފަނަރަމިނެޓް ފިހެލާ، ކުކުޅު ފިހެންލާފަ ކުޑަ ބޯތަށްޓަކަށް ލޮނުމިރުސްހަވާދު ޕައުޑަރ، ރީނދޫ އަދި ދެ މޭޒުމަތީސަމްސާ ތެޔޮ އަޅާ އެއްކޮށްލައްވާ.
5-ކުކުޅު ފިހޭތާ ފަނަރަ މިނެޓްވުމުން ކުކުޅު ޓްރޭނަގާފަ ކުކުޅުގަ މިއެއްކޮށްލި ކުކުޅު ޕޮލިޝް އުނގުޅާ ލެއްވުމަށްފަހު އަނެއްކާވެސް ކުކުޅު އަވަނަށްލައިގެން ފަސްމިނެޓް ފިހެލުމަށްފަހު ނަގާ ބަތް ކެކެންދެން ބާއްވާ.
6-ކުކުޅު ކައްކާލި ސޫޕްގަނޑުތެރެއަށް ހަނޑޫ، އެއް ސައިސަމްސާ ލޮނު، ބޭލީފް އަދި ސޫޕްގަނޑުން ބަތް ނުކެކޭނެހެން ހީފުޅުވަންޏާ އިތުރު ފެން އަޅައިގެން ބަތް ކައްކާލައްވާ.
7-ކުޑަ ތާހަކަށް ދެ މޭޒުމަތިސަމްސާ ތެޔޮއަޅާ ހޫނުކުރުމަށްފަހު އެލްމަންޑް އަޅާފަ އެލްމަންޑް ރަތްވެލަންދެން ހަނާކޮށްލާ. ދެން ހަމަ މި ތެޔޮކޮޅަށް ހިކި މޭބިސްކަދުރު އަޅައިގެން މޭބިސްކަދުރުކޮޅު ވެސް ހަނާކޮށްފަ ތަށްޓަކަށް ނަގާލާ. ހަމަ މި ތެޔޮކޮޅު ތެރެއަށް ކެޕްސިކަމް ލައިގެން މިލުވާލާފަ ތަށްޓަކަށް ނަގާފަ ބާއްވާ.
8-ބަތް ސާވް ކުރާ ތައްޓަށް ބަތް އަޅާ ފަތުރާލައްވާ، ބަތް މަތީ ކުކުޅު ދެފަޅި ބާއްވާލައްވާ، ދެން ކެޕްސިކަމް ބާއްވާލައްވާ، ދެން އެލްމަންޑް އަދި ހިކިމޭބިސްކަދުރު ބަތް މަށްޗަށް ބުރުވާލާފަ. ސާވްކޮށްލާ.
