ތަށްޔާރުކޮށްލަން ނަގާނެ ވަގުތު: 1/2 1 ގަޑިއިރު / މެރިނޭޓްކޮށްލަން: 3 ގަޑިއިރު
އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ ތަންދޫރީ ކުކުޅު ލިބެންހުންނަ ތަނެވެ، ތަންދޫރީ އޭ ބުނުމުން ހިތަށްވެސް އަށްނަނީ ކުކުޅެވެ. ނަމަވެސް އަޅުގނަޑު މި ލިޔެލަނީ ތަންދޫރީ ރަތްމަސް ގޭގަ ރެސްޓޯރަންޓް ފެންވަރަށް ތައްޔާރުކޮށްލެވިދާނެ ގޮތެވެ. މި ރެސިޕީ އަޅުގަނޑު ހަދާލީ އަޅުގަނޑުމެން ދިވެހިންނަކީ ރަމަޟޯން މަހު ވަރަށް ގިނައިން ފިހުނު މަސް ކޭންބައްލަވާ ބަޔަކަށްވާތީ ތަންދޫރީ ރަތްމަސް ވަރަށް ކަމުދާނެކަމަށް ހީވާތީއެވެ.
ތަންދޫރީ ރަތްމަސް ތަންދޫރީ ޕޭސްޓް ހާކާފަ ފިހުމުން ނޫނީ ގްރިލް ކުރުމުން އަދި އޭގެ ފުރިހަމަ ރަހަ ނުލާނެއެވެ. އަޅުގަނޑު ފޭސްބުކް ގަ ޝޭއާ ކޮށްފަ އިން ވީޑިއޯގަ ދައްކާގޮތަށް ދިލަ މަހުގަ ޖެއްސުމުން ތަންދޫރީ މީރު ރަހަ މި ލާންފަށަނީ. މި ގޮތަށް މަހުގަ ދިލަޖެއްސުމަކީ ވަރަށް ފަސޭހަ ކަމެއް، ޗާކޯލް ކޮޅެއް ރޯކޮށްފަ އޭގެ މަށްޗަށް ތެޔޮކޮޅެއް އެޅީމަ އަރާ ދުމުން ދިލަ ޖެއްސޭނެއެވެ. ބައެއް ބޭފުޅުންނަށް ހިތަށް އަރާވަޑައިގަންފާނެ ޗާކޯލް ކޮންތާކުން ބާއޭ ހޯދާނީ، ޗާކޯލް މިހާރު ބައެއް ފިހާރަތަކުން ކިރައިގެން ވިއްކަން ހުރޭ، އަޅުގަނޑު ބަހައްޓަނީ ޗާކޯލް ކޮޅެއް އަބަދުވެސް ގަނެފައެވެ.

ބޭނުންވާނެ ތަކެތި
1 މެދުސައިޒްގެ ރަތްމަސް، ޅިއަ އަޅާފަ
2 މޭޒުމަތީސަމްސާ ތަންދޫރީ މަސާލާ
1/2 1 މޭޒުމަތީސަމްސާ ތެޅިމިރުސް
1 ސައިސަމްސާ އަސޭމިރުސް
1 ސައިސަމްސާ ލޮނު
1 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
1/2 ލުނބޮލުގެ ހުތް
3 މޭޒުމަތީސަމްސާ ޕްލެއިން ޔޯގާޓް
ކުޑަ ރަތްކުލަކޮޅެއް
ތެޔޮ (މަސްތެލުލާ ކަމަށްވަންޏާ)
މަހުގަ ދިލަޖެއްސުމަށް
2 އިންޗި ޗާކޯލް (ރޯކޮށްފަ)
3 މޭޒުމަތިސަމްސާ ތެޔޮ
ތަށްޔާރުކުރާނެގޮތް
1-ބޯތަށްޓަކަށް ތަންދޫރީ މަސާލާ، ތެޅިމިރުސް، އަސޭމިރުސް، އިނގުރުލޮނުމެދު ޕޭސްޓް، ލުނބޯ ހުތް، ލޮނު، ރަތްކުލަ އަދި ޔޯގަޓް އަޅާ އެއްކޮށްލައްވާ،
2-މަސް ރަނގަޅަށް ފެންހިއްކުމަށްފަހު އެއްކޮށްލި ތަންދޫރީ ޕެސްޓް މަހުގެ ދެފަރާތުގަ ރަނގަޅަށް އުނގުޅާލައްވާ.
3-ދެން މަސް ތަށްޓަކަށްލާފަ މަތީ ކްލިންގް ވްރެޕް އަޅާފަ ފްރިޖްގަ އެއްރޭ ވަންދެން ބާންދާލައްވާ، ނަމަވެސް ތިން ގަޑިއިރު ބޭންދެވިޔަސް ވެސް ރަހަ ހިފާފަ ހުންނާނީ.
4-ތަންދޫރީމަސް ނަގާ ބޭނުންފުޅު ގޮތަކަށް ކައްކާލައްވާ، އަވަން ގަ ވިއްޔާ އަވަން 200 ޑިގްރީއަށް ހޫނުކޮށްލައްވާފަ ފިއްސަވާ، ނޫނީ ގްރިލާއެއްގަ ތެޔޮކޮޅު ހޭކުމަށްފަހު މަސް ގްރިލް ކޮސްލައްވާ، ނޫނީ ބާބަކިއޫ ދާގަނޑެއްމަތީ ފިއްސަވާ.
5-މަސް ތެއްލާ ނިމުމުން މަސް މަތިޖެހޭ ތަށްޓެއް ނޫނީ ތެއްޔަކަށް ލާފަ މަސްކައިރީގަ ކުޑަ ބިއްލޫރި ނޫނީ ސްޓެއިންލަސް ސްޓީލް ތަށްޓެއް ބާންދާފަ، ރޯކޮށްލި ޗާކޯލްކޮޅު މި ތަށްޓަށް ލާފަ ޗާކޯލްމަށްޗަށް ތެޔޮކޮޅު އަޅާލައްވާ. އަވަހައް ތަށީގެ މަތި ޖައްސަވާ، މަތިޖަހާފަ ފަނަރަ މިނެޓް ބޭންދުމަށްފަހު މަސް ސާރވް ކޮށްލައްވާ.
