ހަދާލަން ނަގާނެ ވަގުތު: 40–50 މިނެޓް / މީގެންހެދޭނީ: 4×8 އިންޗި ޓްރޭއެއްގެ ޓޮފީ
އަޅުގަނޑު ހަނދާނހުންނަން ފެށީންސުރެއް މާލޭގެ ފިހާރަތަކުގަ ފުޅިފުޅީގަ ޓޮފީ ވިއްކަން ހުރެއެވެ. ޓޮފީމީ ކުޑަ އަދި ބޮޑެތިމީހުންނަށްވެސް ވަރަށް މީރު އެއްޗެކެވެ. އަޅުގަނޑު އަމީނިއްޔާގަ އުޅުންއިރު މިހާރު ސްކޫޕް ހުންނަ ތާނގަ ހުންނާނެ ކުޑަފިހާރައެއް ޒުރިޗް ކިޔާ މި ފިހާރަޔަކީ އޭރު ސްކޫލްކުދިންގެ މެދުގަ ވަރަށް މަގުބޫލް ފިހާރައެއް އެތަނުން ސްކޫލްކުދިން އިންޓަވަލްގަޑިއަށް ނޫނީ ގެއަށްގޮސް ކާލަން ހެދިކާ އަދި އެކި ކަހަލަ މެޓާ އަދި އައިސްކޯން ގައްނަން ލިބެންހުރެއެވެ. މި ފިހާރައިން ޓޮފީ ގަންނަ ހަނދާ އަޅުގަނޑުވަރަށް ހުރެއެވެ. ސްކޫލް ދުވަސްވަރުގެ ހަނދާނތަކަތީ އަޅުގަނޑުމެން އެއްމެންގެވެސް އެއްމެ މަޖާ އަދި ހަނދާނުން ފުހެވިގެންނުދާ ދުވަސްކޮޅެވެ.
ޓޮފީ މީ ހަދާލަން އެހާ އުނދަގޫ އެއްޗެއް ނޫނެވެ. ނަމަވެސް ހަދަން ވަރަށް ވަގުތު ނަގާ އެއްޗެކެވެ. ޓޮފީ ހެދުމުގެ ކުރިން ރަނގަޅަށް ތައްޔާރު ވެލުމަކީ ވަރަށްމުހިންމުކަމެކެވެ. ޓޮފީ އަށް އަޅާ ތަކެތި މިންގަނޑަށް ނަގާ ރެޑީކޮށްފަ ކައިރީގަ ބެހެއްޓުމާ، ޓޮފީ ހަދަންފެށުމުގެ ކުރިން ޓޮފީ އަޅާ ޓްރޭ ރެޑީކޮށްފަ ބޭނދުމެވެ. އެއީ ޓޯފީ ހަދަމުން ދާއިރު ޓޮފީ ގަނޑު މެދުނުކެނޑިހާވަމުން ދާނޖެހުމާ ޓޮފީ އޮލަވީމަ އުނދުންމަތިން ބޭލުމުން ޓޮފީ ސެޓްވާލެއް ވަރަށް އަވަސް ވާނެތީއެވެ.
ޓޮފީ އަޅާ ޓްރޭގަ ބޭކިންޕޭޕަރ އެޅީމަ ޓޮފީނަށްޓާލަން ވަރަށް ފަސޭހަވާނެއެވެ. ނަމަވެސް ބޭކިންޕޭޕަރ ނެތިއްޔާ ޓްރޭގަ ބަޓަރ ހާކާލީމަ ނެއްޓޭނެހެން ހީވެއެވެ

ބޭނުންވާނެ ތަކެތި
1 ދަޅު ގެރިކިރު (380 ގުރާމް)
250 ގުރާމް ހަކުރު
1/2 ދަޅު ފެން (ގެރިކިރު ދަޅުގެ)
1 މޭޒުމަތީސަމްސާ ބަޓަރ (14 ގުރާމް)
2 ސައިސަމްސާ މައިލޯ
2 ސައިސަމްސާ ވެނީލަރ އެސެންސް
1/3 ޖޯޑު ކޮށާފަ ހުރި ކެޝިއޫނަޓްސް ނޫނީ ޕީނަޓްސް
މައިލޯކޮޅު ގިރާލަން 2 މޭޒުމަތިސަމްސާ ހޫނުފެން
ތަށްޔާރުކުރާނެގޮތް
1-މައިލޯކޮޅު ތެރެއަށް ދެ މޭޒުމަތީސަމްސާ ހޫނުފެން އަޅާ ގިރާލާފަ ބަހައްޓަވާ.
2-ތެއްޔަކަށް ގެރިކިރު، ހަކުރު އަދި ފެން އަޅާފަ އުނދުނުގެ ހުޅު މެދުމިނުގަ ބަހައްޓައިގެން ހާވަމުން ކައްކަންފަށާ.
3-ކައްކާތާ ފަނަރަ މިނެޓްވުމުން ވެނީލާއެސެންސް އަދި އެއްކޮށްލި މައިލޯކޮޅު އަޅާ އެއްކޮށްލައްވާ. އަނެއްކާވެސް ހާވަމުން ކައްކަމުން ގެންދޭ. ކިރު މިކްސްޗަރ ތެލީގެ މަށްޗަށް އަރަންއުޅޭކަމަށް ވަންޏާ އުނދުނުގެ ހުޅު މަޑުކޮށްލައްވާ.
4-ޓޮފީ ސިރަޕް އޮލަވެ ސިރަޕްގެ މަތި ފޮނުގަނޑެއްހެންވެ ސިރަޕްގަނޑުން ޖަހަމުން އަތް ބޮކި ސްލޯވާންފެށީމަ ގާތްގަނޑަކަށް 45 ނޫނީ 50 މިނެޓް ވީމަ ބަޓަރ އަޅާ އެއްކޮށްލައްވާ، މި ސްޓޭޖް އިތުރަށް ބެއްލެވޭނެގޮތަކީ ކުޑަ ބޯތަށްޓަކަށް ފެންފޮދެއް އެޅުމަށްފަހު ޓޮފީސިރަޕް ކޮޅެއް ފެންކޮޅު ތެރެއަށް އަޅާފަ 2 ސިކުންތުވަރުވީމަ ފެންކޮޅު އޮއްސާލީމަ ތަށީތެރޭގަ ޓޮފީ ފެންކޮޅާ އެއްނުވެ ތަށީތެރޭ ހިފާފަ ހުރިއްޔާ އެހެރީ ވެފަ.
5-ބަޓަރ އަޅާ އެއްކުރުމަށްފަހު ކެޝޫނަޓް އަޅާ އެއްކޮށްފަ އުނދުން ނިއްވާލައްވާ.
6-ތައްޔާރުކޮށްލާފަ އިން ޓްރޭ ތެރެއަށް ޓޮފީ އުނދުންމަތިން ބަލާގޮތަށް އަޅާލައްވާ. ކުޑަކޮށް ހިކިލަންދެން ބާނދާ. ގަތްގަނޑަކަށް 1 މިނެޓެއްވަރު، ދެން ވަޅިއެއްގަ ބަޓަރ އުނގުޅާލުމަށްފަހު ޓޮފީ ބޭނުންފުޅުވާ ސައިޒަށް ކަފާލާ. ކެފުމަށްފަހު ޓޮފީ އެއްކޮށް ހިހޫނވަންދެން ބާނދާ.
7-އެއްކޮށްހިހޫނވުމުން ޓޮފީ މަތިޖެހި ފުޅިއަކަށް ނޫނީ ކޮންޓެއިނާއަކަށް އަޅާފަ ބަހައްޓަވާ.
